މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، ކީރިތި ގުރުއާން ހިތުދަސްކޮށްގެން، 1 ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ދެއްވާގޮތަށް ހަމަޖައްސަވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ، އަންނަ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ، 8:30 ގައި، ދަރުބާރުގޭގަ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މިފަހަރު ދެއްވުމަށް ހަމަޖައްސަވައިފައި ވަނީ، މިއަހަރުގެ ޑިސެންބަރުމަހުގެ ތެރޭގަ އެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މިދިޔަ އަހަރު ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުންނެވެ.

ހަތަރުވަނަ ގިންތި އަކީ ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތި އެވެ. އަދި ފަސްވަނަ ގިންތިއަކީ ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަހަރު އިތުރުކުރެއްވި ގިންތިއެކެވެ.

މި ގިންތިއަކީ މިއަހަރަކީ ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ 50 އަހަރު ފުރުން ފާހަގަކުރާ ރަންޔޫބީލް އަހަރުކަމަށްވާތީ، ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދަމަހައްޓައި، އިންޤިލާބީ ބަދަލުތަކެއް ގެނެސްދީގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތި އެވެ. މި އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މިއަހަރު އެވެ.