ކުދިން އަވަހަށް ނިންދަވާނަމަ މަންމައިންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވާ ކަމަށް ސައިންސްއިން ކަށަވަރު ކޮށްދީފި އެވެ.

ސައިންސްގެ އަލީގައި އެކަން ކަށަވަރުވެފައިވަނީ، “ގްރޮއިން އަޕް އިން އޮސްޓްރޭލިއާ” އިން 2004 ވަނަ އަހަރުން ފެށިގެން އެތައް ހާސް އާއިލާއެއް ޓްރެކް ކޮށްގެން ހެދި ދިރާސާއަކުންނެވެ.

އެ ދިރާސާގައި ކޮންމެ ދެ އަހަރަކުން އެއް އަހަރު ދިރާސާގައި ބައިވެރިވި އާއިލާތަކާ ދިރާސާ ޓީމުން އިންޓަވިއުތަކެއް ކޮށް، އެމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތު ދެނެގަނެފައިވެއެވެ.

އެގޮތުން 2003 ވަނަ އަހަރާއި 2004 ވަނަ އަހަރާ ދެމެދު ހެދި ދިރާސާތަކުގައި ދެ ގުރޫޕަކަށް ބަހާލިއެވެ. ފުރަތަމަ ގުރޫޕުގައި އުމުރުން 0 އަހަރާއި 1 އަހަރާ ދެމެދުގެ 5000 ކުދިން ބަލައި ދެނެގަނެފައިވާއިރު، ދެވަނަ ގުރޫޕުގައި ހިމަނާފައިވަނީ އުމުރުން 4 އަހަރާއި ފަސް އަހަރާ ދެމެދުގެ 5000 ކުދިންނެވެ.

އެކުދިންގެ ނިދުމާއި ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތުގެ މައުލޫމާތުތައް އަޅާ ކިއުމަށްފަހު ރިސާޗަރުން ބުނާ ގޮތުގައި، އަވަހަށް ނިދަން އާދަވެފައި ހުންނަ ކުދިންގެ ދިރިއުޅުމުގެ ސިއްހަތު ރަނގަޅެވެ.

ދިރާސާގައި އިތުރަށް ބުނެފައިވަނީ، ދަރިން އަވަހަށް ނިންދަވާނަމަ މައިންގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ވެސް ކުރިއެރުންތަކެއް ލިބެ އެވެ. އަދި އޭގެ ސަބަބުން އާއިލާގެ ދިރިއުޅުން ވެސް އެކި ގޮތްގޮތުން ރަނގަޅުވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ކުދިން އަވަހަށް ނިންދެވުމުން މައިންނަށް އުފާވެރިކަން ލިބޭއިރު، އަވަހަށް ނިދާ ކުދިންގެ ނިދީގެ ފެންވަރު ރަނގަޅު ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް އިން ނެގި ވޯޓަކުން ވަނީ ދައްކައިފައެވެ.

އޭގެ އިތުރުން އެމެރިކާގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ނޭޝަނަލް ސްލީޕް ފައުންޑޭޝަންގެ އޮފިޝަލުން ވެސް ވަނީ، ކުޑަކުދިންނަށް ގިނަ އިރު ނިދި ބޭނުންވާކަން ކަށަވަރުކޮށްދީފަ އެވެ.