ތެހްރާން (07 ނޮވެމްބަރު) - ފުލުހުންގެ ހައްޔަރުގައި ހުއްޓާ ސެޕްޓެމްބަރު މަހު މަރުވި އީރާނުގެ ޒުވާނާ މަހްސާ އަމީނީގެ މަރާ ގުޅިގެން އެގައުމުގައި ކުރިއަށްދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 304 މީހުންނަށްވުރެ ގިނައިން މަރުވެފައިވާ ކަމަށް އެގައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެފި އެވެ.

"ހަމަނުޖެހުންތަކުގައި މިހާތަނަށް 304 މީހަކު މަރުވެފައިވޭ. އޭގެ ތެރޭގައި 41 ކުޑަ ކުދިންނާއި 24 އަންހެނުން ވެސް ހިމެނޭ.،" އީރާނުގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ އީރާން ހިއުމަން ރައިޓްސް (އައިއެޗްއާރް) އިން ބުނެފައިވެ އެވެ.

މި މީހުންގެ ތެރެއިން 16 މީހަކީ ހުކުރު ދުވަހު ސިސްޓަން ބަލުސްޗެސްޓަން ޕްރޮވިންސުގައި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށް މަރާލާފައިވާ މީހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޖުމްލަ 118 މީހުންނާއެކު އެންމެ ގިނައިން މީހުން މަރުވެފައިވަނީ ވެސް މި ސަރަހައްދުންނެވެ.

ސިސްޓަން ބަލުސްޗެސްޓަންގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ތުހުމަތު އީރާނުގެ ސަރުކާރުން ހަތިޔާރުއެޅި ހަނގުރާމަވެރިންނަށް ކުރި ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ސަރަހައްދުގައި ސަލާމަތީ ބާރުތަކުގެ އަނިޔާވެރިކަން ވަރަށް ބޮޑެވެ.

އަމީނީގެ މަރުގެ ކުރިން ވެސް މި ސަރަހައްދުގެ އެކްޓިވިސްޓުން ދިޔައީ ސަރުކާރުން އެ ސަރަހައްދުގެ ތަރައްގީއަށް އިހުމާލުވެފައިވާ ކަމަށާއި އެގައުމުގެ އެހެން ސަރަހައްދުތަކާ ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނަމުންނެވެ.

މީގެ ދޮޅުމަސް ކުރިން މަހްސާ އަމީނީ މަރުވީ ހެދުން އެޅުމުގެ މިންގަނޑުތަކާ ޚިލާފުވި ކަމަށް ބުނެ ފުލުހުން އޭނާ ހައްޔަރުކޮށް ހައްޔަރުގައި ހުއްޓަ އެވެ. ބުނެވޭ ގޮތުގައި އޭނާ މަރުވީ ފުލުހުންގެ އަނިޔާތަކުގެ ސަބަބުންނެވެ.

މި ހާދިސާއަށްފަހު މުޅި އީރާނުގެ މަޝްރަހު ހަލަބޮލިވެ އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ދެކޮޅަށް އަޑު އުފުލައި ސަރުކާރު ބަދަލު ކުރަން މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ. – އަލް އަރަބިއްޔާ