މިއަދުގެ މެންދުރުގެ ނާސްތާއަށް ކައްކާނެ އެއްޗެއް ނިންމައިފިން ހެއްޔެވެ؟ ނޫންނަމަ މި ލިޔުމުގައި މި ގެނެސްދެނީ މިއަދު ކައްކާލަން ރަނގަޅު ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 1 ޖޯޑު ޕާމެސާން ޗީޒް (ހިމުންކޮށްފައި ހުންނަ ވައްތަރު)
  • 1 ޕެކްޓް ކުކިންގް ކްރީމް (ކުޑަ)
  • ½ ޕެކެޓް ޕެނޭ ޕާސްތާ
  • 150ގ ބޯނަލެސް ޗިކަން
  • 3 ބިސް (ގޮބޮޅި ބައި ވަކިކޮށްފައި)
  • 1 ދަޅު ލަންޗިއަން މީޓް (ބޮޑެތި ފޮތިތަކަށް ކޮށާފައި)
  • ރަހަލާވަރަށް ލޮނު
  • ކުޑަ ތެޔޮކޮޅެއް
  • ރަހަލާވަރަށް އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް

  1. ތެއްޔަކަށް ފެން އެޅުމަށްފަހު އޭގެ ތެރެއަށް ޕެނޭ ޕާސްތާ، ކުޑަ ތެޔޮކޮޅެއް އަދި ކުޑަ ލޮނުކޮޅެއް އެޅުމަށްފަހު މެދު ގިނީގައި ޕާސްތާތައް މަޑުވެ އުލަކުން ބުރި ކޮށްލެވޭ ވަރަށް ކައްކާލާށެވެ.
  2. ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ފޮތިކޮށްފައިހުރި ލަންޗަން މީޓްކޮޅުތައް ތެއްލާލުމަށްފަހު ½ އިންޗިއަށް ފޮތިތައް ކޮށާލާށެވެ.
  3. ކުކުޅުކޮޅުގައި ލޮނު އަދި އަސޭމިރުސްކޮޅެއް ހޭކުމަށްފަހު ކުރިން ލަންޗިއަން މީޓްކޮޅު ހަނާކޮށްލި ތަވާގައި ކުކުޅުކޮޅު ރޯފިލުވާށެވެ. އެއަށްފަހު ކުކުޅުކޮޅު ވެސް ކުދިކޮށް ކޮށާލާށެވެ.
  4. ކޮންޓެއިނަރެއްގައި ބިހުގެ ގޮބޮޅިތައް، ކުކިންގް ކްރީމް، ލޮނު، އަސޭމިރުސް، ½ ޖޯޑު ޕާމެސާން ޗީޒް ރަނގަޅަށް އެއްކޮށްލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ. ބޭނުންނަމަ މީގެ ތެރެއަަށް އިތުރަށްވެސް ޗީޒް އެޅިދާނެ އެވެ.
  5. ޕާސްތާކޮޅު ރަނގަޅަށް މަޑުވުމުން ތެލީގައި 1 ޖޯޑު ފެން ބެހެއްޓުމަށްފަހު ބާކީ ފެންފޮދު އުކާލާށެވެ. އެއަށްފަހު މި ޕާސްތާގެ ތެރެއަށް ކުރިން ކުދިކޮށް ކޮށި ކުކުޅުކޮޅު، ލަންޗިއަން މީޓްކޮޅު އަދި ކުކިންގް ކްރީމް މިކުސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
  6. އެއަށްފަހު މެދުގިނީގައި ކްރީމްކޮޅު އޮލަވެ ޕާސްތާތަކުގައި ހިފަންދެން ކައްކާލާށެވެ.