ދިމިޝްގު (11 ނޮވެމްބަރު) - ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ ކޮލެރާ، ހަލުވިކަމާއެކު ސީރިއާގައި ފެތުރެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެގޮތުން މިހާތަނަށް ކޮލެރާ ކަމަށް ޝައްކު ކުރެވޭ 35000 އަށްވުރެ ގިނަ ކޭސްތައް ފެނިފައިވާއިރު އޭގެ ތެރެއިން ބައްޔަށް ޓެސްޓު ކުރެވިފައި ވަނީ ހަމައެެކަނި 2500 ކޭސް ކަމަށް ޔުނިސެފުން ބުނެފައިވެ އެވެ.

ސީރިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމުގެ ސަބަބުން މި ބަލީގައި މިހާތަނަށް 46 މީހުން މަރުވެފައިވާ ކަމަށެވެ.

ސީރިއާގައި މިހާ ހަލުވި މިނެއްގައި ކޮލެރާ ފެތުރެމުން ދަނީ ރައްކާތެރި ފެން ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށް ޔުނިސެފުން ބުނެ އެވެ.

ސީރިއާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ފެނުގެ ނިޒާމަށް ގިނަ ގެއްލުންތަކެއް ލިބިފައިވާއިރު ގިނަ ބަޔަކު ފެން ހޯދަނީ ކޯރު ތަކުންނެވެ.

ކޮލެރާއަކީ އިންސާނުންގެ ނަޖިހުގެ ޒަރިއްޔާއިން ފެތުރޭ ފުރާނައަށް ނުރައްކާކުރާ ބައްޔެކެވެ. މި ބަލީގައި ގަދައަށް ހުން އައުމާއެކު ހޮޑުލެވި ބޭރަށް ހިންގަން މެދުވެރިވެ އެވެ.

އދން ބުނާ ގޮތުގައި ސީރިއާގައި ކޮލެރާ ފެތުރެން ފަށާފައި މިވަނީ އަވަށްޓެރި މެދު އިރުމަތީގެ ގައުމުތައް ކަމަށްވާ އިރާގާއި އީރާނުގައި ވެސް ކޮލެރާގެ ކޭސްތަކެއް ފެނުން ފަހުންނެވެ.