ތެހްރާން (13 ނޮވެމްބަރު) - އީރާނުގައި މިމަހުގެ 15 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ބޮޑު މުޒާހަރާއަކަށް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ތައްޔާރުވާން ފަށައިފި އެވެ.

އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތައް ރާވާ ހިންގަމުން އަންނަ އެކްޓިވިސްޓުން ވަނީ އަންނަ އަންގާރަ ދުވަހު މުޅި ގައުމުގައި ބޮޑު މުޒާހަރާއެއް ބާއްވަން ނިންމާފަ އެވެ.

މި މުޒާހަރާ ބާއްވަން ހަމަޖެހިފައިވަނީ ތެލުގެ އަގު ބޮޑުވުމާ ގުޅގެން އީރާނުގައި މީގެ ކުރިން ހިނގި ހަމަނުޖެހުންތަކަށް ތިން އަހަރު ފުރުމާ ގުޅުވައިގެންނެވެ.

އެގޮތުން މަހްސާ އަމީނީގެ މަރުގެ މައްސަލާގައި އިންސާފަށް މަސައްކަތްކުރާ އެކްޓިވިސްޓުން ވަނީ އަންގާރަ ދުވަހު އީރާނުގެ ހުރިހާ ރައްޔިތުން ވެރިރަށް ތެހްރާންގެ މަގުތަކަށް ނުކުމެ އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލުމަށް ގޮވާލާފަ އެވެ.

މިއާއެކު އެގައުމުގެ ފުލުހުންނާއި ސިފައިން އަންނަނީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފުލުހުންގެ ހައްޔަރުގައި ހުއްޓާ ސެޕްޓެމްބަރު މަހު މަހްސާ އަމީނީގެ މަރާއެކު އީރާނުގެ ދާޚިލީ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

މިހާދިސާއާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 304 މީހުން މަރުވެ ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާއިން ބުނެ އެވެ. -- އަލް އަރަބިއްޔާ