ފްރާންސްގެ ވެރިރަށް ޕެރިސްގެ ރޮއިސީ ޗާލްސް ޑިގޯލް އެއާޕޯޓުގައި 18 އަހަރު ވަންދެން ދިރިއުޅުނު އީރާނުގެ މީހަކު ހަމަ އެ އެއާޕޯޓުގައި މަރުވެއްޖެ އެވެ.

މިހްރާން ކަރީމީ ނަސީރީ ނަމަކަށް ކިޔާ އެމީހާ އޭނާގެ ގެއަކަށް ޕެރިސް އެއާޕޯޓު ހަދާފައި ވަނީ ވިސާ މައްސަލަތަކުގައި ޔޫރަޕްގެ ގިނަ ގައުމުތަކަށް ވަނުން މަނާ ކުރުމުންނެވެ.

1988 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ނަސީރީ އުޅެމުން އައީ އެ އެއާޕޯޓުގެ އެފްޓޫ ޓާމިނަލުގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާގެ ވަގުތުތައް ހޭދަކޮށްފައިވަނީ ފޮތް ކިޔުމާއި އޭނާގެ ހަޔާތާ ބެހޭ ގޮތުން ޑައިރީއެއް ލިޔުމުގަ އެވެ.

ނަސީރީގެ ހަޔާތުގެ މައްޗަށް ބިނާކޮށް " ދަ ޓާމިނަލް" ގެ ނަމުގައި ހޮލީވުޑް ފިލްމެއް ވެސް ވަނީ ނެރެފަ އެވެ. ޓޮމް ހޭންކްސް ފެނިގެން ދިޔަ މި ފިލްމުގެ ސަބަބުން ނަސީރީއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

އެގޮތުން ފްރާންސްގެ ރެފިއުޖީ ވިސާ ނަސީރީއަށް ލިބި 2006 ވަނަ އަހަރުން ފެށިގެން އޭނާ ދިރިއުޅެމުން އައީ ފްރާންސްގެ ހޮސްޓަލެއްގައި ފިލްމުން އޭނާއަށް ލިބުނު އާމްދަނީންނެވެ.

އެހެން ނަމަވެސް މީގެ ހަފްތާތަކެއް ކުރިން ނަސީރީ ވަނީ އަލުން އަނބުރާ އޭނާގެ "ގެއަށް"، އެ އެއާޕޯޓަށް އައިސްފަ އެވެ. އެތަނުގައި ދިރިއުޅެމުން ދަނިކޮށް އޭނާ މެރުވީ ގުދުރަތީ ސަބަބުތަކާ ހެދި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ނަސީރީ މަރުވި އިރު އޭނާގެ މިލްކިއްޔާތުގައި އެތައް ހާސް ޔޫރޯއެއް ހުރި ކަމަށް ވެސް ބުނެވެ އެވެ.