މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓާ އޮފް ޕޮލިސް އުސްވަތު އަހްމަދު ވިދާޅުވީ މިހާރު ކުރިއަށްދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށްކަމަށް އެ މީހުން ރާވަމުން ދިޔަ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މާލެ އާއި އައްޑޫ ސިޓީން ބައެއް ގެތައް ބަލައިފާސްކޮށްފައިވެއެވެ. އޭގެތެރެއިން ބައެއް ގެތަކުން އެ މައްސަލައާ ގުޅުންހުރި ތަކެތި ވެސް ވަނީ ފެނިފައެވެ.

އޭގެތެރެއިން ބައެއް މީހުންނަކީ މީގެކުރިން ވެސް އެފަދަ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ބައެއް ކަމަށް ވެސް އުސްވަތު ވިދާޅުވި އެވެ.

ހައްޔަރުކުރި އެންމެންނަކީ ވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުންނެވެ. އެ އޮޕަރޭޝަންގައި އައްޑޫ ސިޓީން 10 ފިރިހެނަކު ހައްޔަރުކޮށް 11 ގެއެއް ބަލައި ފާސްކޮށްފައިފައިވެ އެވެ. މާލެއިން ދެ ފިރިހެނަކު ހައްޔަރުކޮށް ހަތަރު ގެއެއް ބަލައި ފާސްކޮށްފައިވާއިރު، ކ. ގުރައިދޫން ދެ ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ