ވޮޝިންޓަން (17 ނޮވެމްބަރު) އެމެރިކާގައި މިދިޔަ ހަފްތާގައި ކުރިއަށް ދިޔަ އާއްމު އިންތިހާބުގެ ވޯޓު ގުނުން ކުރިއަށް ދާއިރު ބޮޑު ތަފާތަކުން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ކުރި ހޯދައިފި އެވެ.

ބުދަ ދުވަހު އާއްމުކުރި ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ރިޕަބްލިކަން ޕާޓީއަށް ސެނެޓުގެ 218 ގޮނޑި ލިބިފައިވެ އެެވެ. މިއީ ސެނެޓްގެ މެޖޯރިޓީ އަދަދެކެވެ.

އާއްމު އިންތިހާބުގައި މިހާރުގެ ރައީސް ޖޯ ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީއަށް ލިބުނު ތަރުހީބު ކުޑައިރު ސެނެޓުން އެ ޕާޓީގެ ބާރު ގެއްލުމަކީ ސަރުކާރު ހިންގުމަށް ބައިޑަންއަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ.

ޑޮނަލްޑް ޓްރަމްޕްއާއި ރިޕަބްލިކަން ޕާޓީއަކީ ބައިޑަންގެ ސިޔާސަތުތަކަށް ފާޅުގައި ފާޑު ކިޔަމުން އައި ފަރާތްތަކަަކަށް ވުމުން ބައިޑަންގެ އެޖެންޑާއަށް ސެނެޓުން ލިބެންވާ އެއްބާރުލުން ރިޕަބްލިކަން ޕާޓީއިން ނުދޭނެ ކަމަށް މަޝްރަހު ދިރާސާކުރައްވާ ފަރާތްތަކުން ބުނެ އެވެ.

މި ނަތީޖާއާއެކު ސަރުކާރުގައި ބައިޑަންގެ ބާރު ކުޑަވެފައިވާއިރު އޭނާ ވަނީ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ސެނެޓް މެމްބަރުންގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ބައިޑަންއަށް ކުރިއަށް އޮތީ ގޮންޖެހުންތައް ގިނަ އުނދަގޫ ދުވަސްތަކެއް ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެ އެވެ.

ރިޕަބްލިކަން ޕާޓީގެ ފަރާތުން 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕް އަލުން ވާދަ ކުރައްވާނެކަން އޭނާ ވަނީ މީގެ ކުރިން އިއުލާންކުރައްވައިފަ އެވެ. - އަލް އަރަބިއްޔާ