މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކުރި ފިލްމީ ތަރި އައިމިނަތު ރިޝްފާ ބަންދުން ދޫކޮށްލައިފި އެވެ.

ރިޝްފާ ކްރިމިނަލް ކޯޓަށް ގެންދިޔައީ، އޭނާގެ ބަންދަށް އެންމެ ފަހުން ޖެހި ފަސް ދުވަސް ހަމަވާތީ ބަންދާ މެދުގައި ގޮތެއް ނިންމުމަށެވެ. އަދި ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ރިޝްފާ ބަންދުގައި އިތުރަށް ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ކޯޓުގައި ފުލުހުންގެ ފަރާތުން ވިދާޅުވެފައި ވަނީ ރިޝްފާ ހައްޔަރުކޮށްފައި ވަނީ ގިނަ ބައެއްގެ މެދުގައި ރޭވިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

ޕާޓީ ކުރަނިކޮށް ރިޝްފާ ހިމެނޭހެން 5 މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 11ވަނަ ދުވަހު އެވެ.

ރިޝްފާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަހުގެ ބަންދެއް ޖެހީ މިދިޔަ ހުކުރު ދުވަހު އެވެ.

ރިޝްފާއާއެކު ފިލްމީ ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ޖެހީ ހަތް ދުވަހެވެ.