މާބަނޑުވުމުން ކޮންމެ އަންހެނެއްގެ ވެސް އުންމީދަކަށް ވާނީ ސިއްޙަތު ސަލާމަތުން ހެޔޮހާލުގައި އޭނާގެ ދަރިފުޅު އުފަން ކުރުމެވެ. އެހެންކަމުން ބަލިވެ އިނުމުން ގިނަ އަންހެނުން އެހެންޏާ ނުވާ ވަރަށް ޞިއްޙަތާ މެދު ސަމާލުވެ އެވެ. ގަވާއިދުން ޑޮކްޓަރުގެ އިރުޝާދުތައް ހޯދަ އެވެ.

މާބަނޑު ދުވަސްވަރަކީ އާންމުކޮށް ކާން އާދަވެފައި ހުންނަ އެއްޗެހި ނޫން ތަފާތު ކޫސަނި އެއްޗެހި ކާހިތްވާ ދުވަސްވަރެކެވެ. ހާއްސަކޮށް ތަފާތު ހުތްކަން ގަދަ މޭވާ ކެއުމަށް މާބަނޑު އަންހެނުން ބޭނުންވެ އެވެ. އެހެންކަމުން ހުތް އަނބު، ކުންނާރު ފަދަ ހުތް އެއްޗެހި މާބަނޑުވުމާއި ވިހެއުމާ ދޭތެރޭގައި އެވާ 9 މަސްދުވަހު ގޭގައި ހުސްނުކޮށް ބަހައްޓަ އެވެ. މިފަދަ މޭވާތަކަކީ އޭގައި ވިޓަމިން ސީ ވަރަށް ގިނައިން އެކުލެވޭ އެއްޗެހި ކަމުގައި ވިޔަސް މާ ގިނައިން ކާނަމަ ގެއްލުން ބޮޑު އެއްޗެއްސެވެ.

ހުތްގަދަ މޭވާ ތަކަކީ އޭގައި އެސިޑް އެކުލެވޭ ބާވަތްތައް ކަމުން އޭގެ ސަބަބުން ބަނޑުގައި ރިއްސުން ފަދަ ސިއްހީ މައްސަލަތައް ދިމާވުން އެކަށީގެންވެ އެވެ. އެހެންކަމުން އެފަދަ އެއްޗެހި މާ ގިނައިން ކެއުން ބުއްދިވެރިއެއް ނޫނެވެ.

ހުތް ރަހަ ފިޔަވައި މާބަނޑު އަންހެނުން ދެން އެންމެ ގަޔާވާ ރަހަޔަކީ ކުޅި ރަހަ އެވެ. މާބަނޑު ދުވަސްވަރު ވަރަށް ގިނަ އަންހެނުން ކުޅިކޮށް ކާން ބޭނުންވެ އެވެ. ކާން ކިތަންމެ ހިތް އެދުނަސް އެއީ ސިއްހަތަށް ކިހާ ގެއްލުން ހުރި ކަމެއްތޯ ބަލާލުން މުހިއްމެވެ.

މާ ކުޅިކޮށް ކާނަމަ ބަނޑަށް އުނދަގޫވެ މާގިނައިން ބޮޑުކަމު ދެވެން ފެށުން ގާތެވެ. މީގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުވެ ހަށިގަނޑަށް ނުރައްކާވެ އެވެ. ހާއްސަކޮށް ވައިގެ މައްސަލަ ހުންނަ މީހުންނަށް ނުރައްކާ ބޮޑެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ ކުޅިކޮށް ކެއުމުގައި ވަކި މިންގަނޑެއް ހިފެހެއްޓުމެވެ.

ތަފާތު ލުއި ބުއިންތަކަކީވެސް މާބަނޑު އަންހެނަކަށް ރަނގަޅު އެއްޗެއް ނޫނެވެ. މީގެ ބަދަލުގައި ކިރާއި ޖޫސް ފަދަ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ބުއިން މާ ރަނގަޅެވެ. ގިނައިން ފެން ބުއިމަކީވެސް މުހިންމު ކަމެކެވެ.

ބަލިވެ އިނުމުން ކާ ހިތްވާ އެއްޗެހީގެ ބަދަލުގައި ފައިދާ ހުރި ބާވަތްތައް އިސްކަން ދިނުން މުހިއްމެވެ. މިގޮތުން ފެހިކަން ގަދަ ފަތާއި ވިޓަމިން ސީ އަދި ވިޓަމިން އޭ ގިނަ ބާވަތްތައް ކެއުން ރަނގަޅެވެ. މީގެ އިތުރުން ފޮލިކް އެސިޑް އާއި ފައިބާ އަދި ކެލްސިއަމްއަކީވެސް މާބަނޑު އަންހެނެއްގެ ކެއުމުގައި ހިމެނެންޖެހޭ މުހިއްމު މާއްދާތަކެވެ.