ދަރިން ބެލުމުގައި ބޮޑު ދައުރެއް އަދާ ކުރަނީ މައިންނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ގޭތެރޭގައި މައިންނަށް ދަރިންނާއެކު ހޭދަކުރެވޭ ވަގުތުވެސް ގިނަވުމާއެކު އެވެ. އެހެން ނަމަވެސް ބަފައިން ދަރިންނާއެކު ގިނަ ވަގުތު ހޭދަ ކުރުމަކީ އެކުދިންގެ ހެދިބޮޑުވުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެކެވެ.

ވިސްނުން ރަނގަޅުވޭ

ދަރިންގެ ވިސްނުން ފުރިހަމަވުމުގައި ބައްޕައިންގެ ދައުރު ބޮޑު ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެގޮތުން ބައްޕައާއެކު ގިނަވަގުތު އުޅޭ އެއް އަހަރަށްދާ އުމުރުގެ ކުދިން، ބައްޕައާއެކު ވަގުތު ހޭދަނުކުރާ އެ އުމުރުގެ ކުދިންނަށްވުރެ ވިސްނުން މާބޮޑުތަން ވެސް ރަނގަޅެވެ. އަދި ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރާ ކުދިންގެ އުމުރުން ތިން އަހަރަށް ދާއިރު، ވިސްނުން ފުޅާވެ، މައްސަލަތައް ފަސޭހައިން ހައްލުކޮށް، އައިކިއު މަތިވާ ކަމަށް ހޯދިފައިވެ އެވެ.

ކިޔެވުމުގެ ނަތީޖާ ރަނގަޅުވޭ

ބައްޕައާއެކު ގިނަވަގުތު ހޭދަކުރާ ދަރިންވަރުންގެ ވިސްނުން ރަނގަޅުވުމަކީ އެ ދަރިވަރުންގެ ނަތީޖާއަށް ވެސް އޭގެ އަސަރު ކުރާނެ ކަމެކެވެ. މިގޮތުން ބައްޕައާއެކު ގިނަ ވަގުތު ހޭދަ ކުރާ ކުދިން ސްކޫލަށް ދާހިތްވުން ބޮޑުވުމާއި އިތުރު ޙަރަކާތްތަކުގައި ބައިވެރިވާހިތްވުމާއި ސްކޫލަށް ގަވައިދުން ހާޒިރުވާކަން ފާހަގަކުރެވޭ ކަމަށް ދިރާސާތަކުން އެނގެ އެވެ.

އިޖުތިމާއީ ގުޅުންތައް ރަނގަޅުވޭ

ބައްޕައާ އެކު ގިނަވަގުތު ހޭދަކުރުމަކީ އިދިކީލި އިހުސާސްތަކުން ކުދިން ދުރުކޮށްދޭ ކަމަކަށްވާއިރު، އެކަމުގެ ސަބަބުން ރައްޓެހިންނާ އޮންނަ ގުޅުން ބަދަހި ކޮށްދެ އެވެ. އަދިއެ އެކުވެރިންނާ އޮންނަގުޅުން ރަނގަޅުވެ، ރަނގަޅު ރަޙުމަތްތެރިން އިހްތިޔާރުކުރުމުގެ ފުރުސަތު ބޮޑުވެ އެވެ.