ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ފީފާ ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތު ރޭ ގަތަރުގައި ކުރިއަށް ދިޔައިރު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އެމެރިކާގެ އެކްޓަރު މޯގަން ފްރީމަންއާއެކު ރަސްމިއްޔާތުގައި ބައިވެރިވި ޒުވާނެކެވެ.

ހަށިގަނޑުގެ އުނަގަނޑުން ތިރި އުފެދިފައި ނެތް ނަމަވެސް އެ ޒުވާނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ހަރަކާތްތެރިވީ އާއްމު އެހެން މީހުންނެކޭ ވެސް އެއް ފަދައިންނެވެ.

މި ޒުވާނާއަކީ ގަތަރަށް ނިސްބަތްވާ ޔޫޓިއުބާއެއް ކަމަށްވާ ޣާނިމް އަލް މުފްތާހު އެވެ. ޣާނިމްއަކީ މިފަހަރުގެ ވޯލްޑް ކަޕަށް ގަތަރުން ކަނޑައެޅި އެމްބެސަޑަރުންގެ ތެރެއިން އެމްބެސަޑެރެކެވެ.

ކޯޑަލް ރިގްރެޝަން ސިންޑްރޯމް ނަމަކަށް ކިޔާ ބައްޔަކާއެކު ޣާނިމް އުފަންވި އިރު ވެސް ހަށިގަނޑުގެ އުނގަނޑުން ތިރި އުފެދިފައެއް ނުވެ އެވެ. އޭގެ ތެރޭގައި ބައެއް މުހިއްމު ގުނަވަންތައް ވެސް ހިމެނެ އެވެ.

އެންމެ ކުޑައިރުއްސުރެ ވެސް ފުބްބޯޅައަށް ހާއްސަ ޝައުގުވެރިކަމެއް ހުރި ޣާނިމް ވަނީ ސްކޫލު ދައުރުގައި އަތް ބޭނުން ކޮށްގެން ފުޓުބޯޅަ ކުޅެފަ އެވެ. އޭނާގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ޕެރަލިމްޕިކް މުބާރާތުގައި ވާދަ ކުރުމެވެ.

މިހާރު އުމުރުން 20 އަހަރުގެ ޣާނިމްއަކީ ސުލްހައާއި އަމާންކަން ކުރިއެރުވުމަަށް ސޯޝަލް މީޑިއާގެ ޒަރިއްޔާއިން މަސައްކަތް ކުރަމުން އަންނަ އެކްޓިވިސްޓެކެވެ. އޭނާ އަންނަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް އެކި ގޮތްގޮތުން އެހީ ވަމުންނެވެ.

ޣާނިމް އަލް މުފްތާހް

ޣާނިމް ބުނެފައިވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން އޭނާގެ އެންމެ ބޮޑު މަގްސަދަކަށް ވާނީ އޭނާއަށް ވެވުނު ވަރަކުން ސުލްހައާއި އިންސާނީ ހައްގުތައް ޕްރޮމޯޓް ކުރުން ކަމަށެވެ.

މިއަހަރުގެ ފީފާ ވޯލްޑް ކަޕް އިއްޔެ ގަތަރުގައި ފެށިގެން ކުރިއަށް ދާއިރު މި މުބާރާތަށް ގަތަރުން ވަނީ ގިނަ ތައްޔާރީ ތަކެއް ވެފަ އެވެ.