ތިން ގައުމެއްގެ ސަފީރުންގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ރައީސްއަށް ފަތްކޮޅު މިއަދު އަރުވާފައިވަނީ ގައުމަކީ ނެދަލެންޑްސް ސަރުކާރާއި، އަލްޖީރިޔާ ސަރުކާރު އަދި ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުންނެވެ. ވަކިވަކިން ބޭއްވެވި މި ދެ ރަސްމިއްޔާތުވެސް އޮތީ ރައީސްގެ އޮފީހުގަ އެވެ.

ފަތްކޮޅު އެރުވުމަށްފަހު، ނެދަލެންޑްސްގެ އައު ސަފީރާ ރައީސް ބައްދަލުކުރައްވައި، އެކަމަނާއަށް ތަހުނިޔާ ވިދާޅުވެ، ކުރިޔަށް އޮތްތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ. މި މަޝްވަރާކުރެއްވުމުގައި، ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިންނަށް ވިސާގެ ލުއިތައް ދެއްވުމާއި ގުޅޭގޮތުން ނެދަލެންޑްސް ސަރުކާރުން ވިސްނަވާނެކަމަށް އުއްމީދު ކުރައްވާ ކަމުގަ އެވެ.

އަދި މަސްވެރިކަމުގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރެވި، ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޓެރިފް ކުޑަކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.

އަލްޖީރިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މީގެ އިތުރުން، އަލްޖީރިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އަބްދުލްރަޙްމާން ބެންގްރާ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފަ އެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އަލްޖީރިޔާގެ ސަފީރާ ބައްދަލުކުރައްވައި ރައީސް ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެފަ އެވެ.

އަދި ރައީސް ޞާލިޙް ވަނީ އަލްޖީރިޔާއާ ދިވެހިރާއްޖެއަކީ އިސްލާމީ ސަޤާފަތާއި އާދަކާދައިގެ ގޮތުންވެސް ވަރަށް އެއްގޮތް ކަންތައްތަކެއް ޙިއްސާކުރާ ދެ ޤައުމުކަން ފާހަގަކުރައްވާފަ އެވެ. އަދި ރައީސްގެ ވާހަކަފުޅުގައި ދިވެހި ސަރުކާރުން ބައިނަލްއަގްވާމީ އަދި ދޭދޭ ގުޅުންތައް ބަދަހިކުރެއްވުމަށް ދެއްވާ އިސްކަން ފާހަގަކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ދެގައުމުގެ ދެމެދު އޮންނަ ތާރީޚީ ބަދަހިގުޅުން ފާހަގަކުރައްވައި ދެޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

ހަމައެހެންމެ، ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑޭވިޑް އިމަނުއެލް ޕުސް ބަޗަލް ވެސް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު ރައީސް ޞާލިޙަށް އަރުވައިފައިވެ އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު ޑޮމިނިކަން ރިޕަބްލިކްގެ ސަފީރާ ބައްދަލުކުރައްވައި ރައީސް ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާ ޑޮމިނިކަން ރިޕަބްލިކާ ދެގައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށް ދެ ޤައުމުގެ ދެމެދު އޮތް ބަދަހިގުޅުމަށް 12 އަހަރުވެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ސޯލިހަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރާ ރައީސް ވަނީ ދެމެހެއްޓެނިވި ގޮތްތަކަށް ފަތުރުވެރިކަން ކުރިއެރުވުމާއި، ތިމާވެށީގެ ދާއިރާއާއި ކާރިސާތަކަށް ވިލުންތެރިކަން އިތުރުކުރުންފަދަ ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުން އެއްބާރުލުންއިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާއި ކުރިމަގުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާފަ އެވެ.