ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު ކުރިއަށް ގެންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންގައި ބަލާ ފާސްކުރި ގެއަކުން ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރެވިދާނެ މާއްދާތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޖުމްލަ 14 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން 18 އަހަރާއި 33 އަހަރުގެ ދެ މީހުންނާއި 35 އަހަރުގެ މީހަކާއި 46 އަހަރުގެ މީހަކާއި 19 އަހަރާއި 27 އަހަރުގެ ދެ މީހުންނާއި 28 އަހަރުގެ މީހަކާއި 20 އަހަރާއި 27 އަހަރާއި 30 އަހަރާއި 35 އަހަރު އަދި 37 އަހަރުގެ މީހެކެވެ. އެ އެންމެންގެ ބަންދަށް ކޯޓުން ވަނީ މުއްދަތު ޖަހާފަ އެވެ.

ފުލުހުން ބުނީ އެ އެންމެންނަކީ ވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން ކަމަށެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަމިއްލަ ގެތަކާއި އެމީހުން ބޭނުންކުރި އެހެން ގެތަކާއި ބައެއް އުޅަނދުތަކާއި ޑިންގީއެއް ބަލާ ފާސްކޮށްފައިވާނެ ކަމަށެވެ. އެގޮތުން ބަލާ ފާސްކުރުމުގެ ތެރޭގައި މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައި ވަނީ އެ މީހުން ރާވަމުން އައީ ގޮވާތަކެތި ބޭނުންކޮށްގެން ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާލާއެއް ދޭން ކަމަށެވެ. ފުލުހުން ވަނީ އެކަން ފެއިލްކޮށްލާފަ އެވެ.