ދޯހާ (22 ނޮވެމްބަރު) – ވޯލްޑް ކަޕްގެ ގުރޫޕް ސީގައި މިރޭ މެކްސިކޯ އާއި ޕޯލެންޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މި މެޗުގައި ޕޯލެންޑްގެ ކެޕްޓަން ރޮބަޓް ލެވަންޑޮވްސްކީ ވަނީ ލީޑެއް ހޯދުމަށް ލިބުނު ޕެނަލްޓީ ބޭކާރުކޮށްލައިފަ އެވެ.

ދެވަނަ ހާފުގައި މެކްސިކޯގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލެވަންޑޮވްސްކީ އަށް މެކްސިކޯގެ ހެކްޓާ މޮރޭނޯ ކުރި ފައުލަކަށް، ރެފްރީ ޕެނަލްޓީއެއް ދިނީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.

ލެވަންޑޮވްސްކީ ފޮނުވާލި ޕެނަލްޓީ މެކްސިކޯގެ ގޯލުގައި ހުރި އުމުރުން 37 އަހަރުގެ ގޯލްކީޕަރު ގިޔޭމޯ އޮޗޯއާ ވަނީ ދިފާއުކޮށްފަ އެވެ.

ޔޫރަޕްގެ އެންމެ މޮޅެތި ފޯވަޑުންގެ ތެރޭގައި ހިމެނޭ ލެވަންޑޮވްސްކީ ވޯލްޑް ކަޕްގައި ގޯލެއް ޖެހުމަށް ކުރަމުންދިޔަ އިންތިޒާރު ވަނީ ދިގުވެފައެވެ. ވޯލްޑް ކަޕެއްގައި ލެވަންޑޮވްސްކީ އަދި ގޯލެއް ނުޖަހަ އެވެ.

ވޯލްޑް ކަޕެއްގައި ކުޅުނު އޯޕަނިން މެޗަކުން ޕޯލެންޑް މިހާތަނަށް މޮޅުވެފައިވަނީ އެންމެ ފަހަރަކުއެވެ. އަދި 1986 ވަނަ އަހަރުގެ ފަހުން ޕޯލެންޑް ގުރޫޕް ސްޓޭޖުން ސަލާމަތެއްނުވެ އެވެ.

މި ނަތީޖާއާއެކު، އާޖެންޓީނާ އަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ އެވެ. މި ގުރޫޕްގައި މިއަދު ސައުދީ އަރަބިއްޔާ އަތުން 2-1 އިން ބަލިވެ އާޖެންޓީނާ އަށް އޮތީ ޕްރެޝަރު ބޮޑުވެފަ އެވެ. އެކަމަކު މި ގުރޫޕްގައި މިހާރު ހަތަރު ޓީމަށް ވެސް ގަދަ 16ގެ ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން ގުރޫޕްގެ ފޯރި ގަދަވާނެ ކަމަށް ބެލެވެ އެވެ.