ގދ. ހޯޑެއްދޫއިން މިހާތަނަށް ކޮންޓެކްޓުންގެ ގޮތުގައި 111 މީހަކު ފެނިފައިވާ ކަމަށާއި އޭގެ ތެރެއިން ކޮވިޑް-19ގެ އަލާމާތް ހުރި 60 މީހަކު ފެނިފައިވާ ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ
އެރަށުގައި މިހާރު ކުރިޔަށްދާ މަސައްކަތާ ބެހޭ ގޮތުން އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހޯޑެއްދޫން ފެނިފައިވާ 21 ކޭހާ ގުޅޭ 111 ކޮންޓެކްޓުން ފެނިފައިވާ ކަމަށެވެ. އަދި ބަލީގެ އަލާމާތް ހުރި 60 މީހަކު މިހާތަނަށް ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޯޑެއްދޫން މިހާތަނަށް 25 މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުގެ އިތުރުން ޖެހިގެން އެއް ފަޅެއްގެ ތެރޭގައި އޮންނަ މަޑަވެލި ވެސް ވަނީ ކަރަންޓީންކޮށް ސާމްޕަލްތަކެއް ނަގަމުންނެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑްގެ އަލާމާތް ހުރި މީހުންގެ ގޮތުގައި މިހާތަނަށް ފެނިފައި ވަނީ އުމުރުން 50 އަހަރުން މަތީގެ ހަ މީހަކާއި އެއް އަހަރުން ދަށުގެ ދެ ކުދިން ކަމަށެވެ. އަދި ކޮންޓެކްޓްވި މީހުން މިހާރު ވަނީ ކަރަންޓީނުކުރެވި، ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަށުން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އެއީ ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި ހަތަރު މީހަކު ފެނުނުފަހުންނެވެ. އަދި ހަތަރު ވަނަ ދުވަހު އިތުރު ދެ ކޭސް ފެނުމަށް ފަހު ފަސްވަނަ ދުވަހު އިތުރު 19 ކޭސް ފެނިފައިވެ އެވެ. އެ ރަށުގައި އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 25 އަށް އިތުރުވެފަ އެވެ.