ގަތަރު ވޯލްޑް ކަޕްގައި ހައިރާން ކުރުވި ނަތީޖާއެއް ނެރުނު ޖަޕާނުގެ ގައުމީ ޓީމުން ބޭނުން ކުރި ޑްރެސިން ރޫމް ސާފުކޮށް އަނެއްކާވެސް ނަމޫނާ ދައްކައިފި އެވެ.
ޖަޕާނުގެ ކުޅުންތެރިން ވަނީ ޖަރުމަނާއެކު ކުޅުނު މެޗުން މޮޅުވުމަށްފަހު އެ ޓީމު ބޭނުންކުރި ޑްރެސިން ރޫމް އެއްވެސް ކުންޏެއް ނެތް ވަރަށް ސާފު ކޮށްފަ އެވެ.
އާއްމު ގޮތެއްގައި ޓީމުތަކުގެ ޑްރެސިން ރޫމްތަކަކީ އެ ޓީމުތައް ދިއުމަށްފަހު ވަރަށް ހަޑިކޮށް ނުވަތަ ކުނި ގިނަކޮށް އޮންނަ ތަންތަނެވެ.
ސާފުކުރުމުގެ އިތުރުން ވެސް ޖަޕާން ޓީމުން ވަނީ ގަތަރުގެ އިދާރާތަކަށް ޝުކުރު އަދާ ކުރުމުގެ ގޮތުން އެ ގައުމުގައި މަޝްހޫރު އޮރިގާމީ ކަރުދާސް އާޓްސްތަކެއް ވެސް ޝުކުރުގެ މެސެޖަކާއެކު ބަހައްޓާފަ އެވެ.
ޖަޕާން ޓީމުން މިގޮތަށް އަމަލު ކޮށްފައި މިވަނީ އެ ގައުމު ކުޅުނު މެޗަށްފަހު ދަނޑު ސާފު ކުރުމަށްޓަކައި ވެސް އެގައުމުގެ ސަޕޯޓަރުން މަސައްކަތް ކޮށްފައި ވަނިކޮށެވެ.
ޖަޕާނުގެ މި މިސާލުތަކާއެކު ގިނަ ބަޔަކު އަންނަނީ އެގައުމަކީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެ ޑިސިޕްލިން ގައުމުގެ ގޮތުގައި ފާހަގަ ކުރަމުންނެވެ.
މިދިޔަ ބުދަ ދުވަހު ޖަރުމަނާއެކު ކުޅުނު މެޗުގައި ޖަޕާނުން ވަނީ ފަހަތުން އަރައި 2-1ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފަ އެވެ.