ދޯހާ (24 ނޮވެމްބަރު) – ފީފާ ވޯލްޑް ކަޕްގައި މިރޭ ދެކުނު ކޮރެއާ އާއި އުރުގުއޭ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފު ދެކުނު ކޮރެއާ އިން ކޮންޓުރޯލްކުރި ނަމަވެސް، މާ ގިނަ ފުރުސަތެއް ނުލިބެއެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ހުވާން އީ ޖޯއަށެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

ފުރަތަމަ ހާފުގައި އުރުގުއޭ އަށް ލިބުނު ކޯނަރަކުން އެ ޓީމުގެ ކެޕްޓަން ޑިއޭގޯ ގޮޑިން އަށް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗު ކުރިއަށް ދިޔަ ވަރަކަށް އުރުގުއޭ އިން ގޭމުގެ ތެރެއަށް ވަދެ، ކޮންޓުރޯލް ހޯދަން ފެށި އެވެ. ހާއްސަކޮށް މެޗުގެ ފަހުކޮޅު، އުރުގުއޭ އިން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއްކުރިއެވެ. މެޗުގެ ފަހުކޮޅު ދެ ޓީމުން ވެސް ނުރައްކާތެރި ހަމަލާތައް ފޮނުވާލި އެވެ.

މެޗުގެ ފަހު މިނިޓުގައި އުރުގުއޭގެ ފެޑެރީކޯ ވަލްވަރްޑޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ދެކުނު ކޮރެއާގެ ތަރި ސޮން ހެއުން މިން އަށް ލިބުނު ފުރުސަތުތައް އޭނާ ފޮނުވާލި ޝޮޓް ދިޔައީ ބޭރަށެވެ.

މި ގުރޫޕްގައި މިރޭ ކުޅޭ ދެވަނަ މެޗުގައި ޕޯޗުގަލްއާ ދެކޮޅަށް ނުކުންނާނީ ގާނާ އެވެ.