ޖިއްދާ (25 ނޮވެމްބަރު) - ސައޫދީ އަރަބިއާގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ޖިއްދާއަށް ރެކޯޑް މިންވަރަކަށް ވާރޭވެހި ފެންބޮޑު ވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އިއްޔެ ޖިއްދާއަށް މެދުނުކެނޑި 8 ގަޑިއިރު ވާރޭ ވެހިފައިވެ އެވެ. އެއީ ރޭގަނޑު 8:00 ން ފަތިހު 5:00 އަށެވެ.

މިވަގުތުތަަކުގައި ޖިއްދާއަށް 179.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު ބޯ ވާރޭގެ ސަބަބުން އެސަރަހައްދުގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ.

މީގެ ކުރިން މިހާވަރަށް ޖިއްދާއަށް ވާރޭ ވެހިފައިވަނީ 2009 ވަނަ އަހަރު އެވެ. އެ ފަހަރު އެ ސަރަހައްދަށް 111 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

ބޯވާރޭގެ ސަބަބުން ދަތުރުފަތުރާއި އާއްމު އެހެން ހިދުމަތްތަކަށް ބުރޫ އަރާފައިވާއިރު ރެސްކިއު ޓީމު ތަކުން ދަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ކަންކަން ކުރަމުންނެވެ.

ޖިއްދާއަކީ ސައޫދީ އަރަބިއާއަށް އުމްރާއަށާއި ހައްޖުގެ އަޅުކަން އަދާކުރުމަށްދާ މީހުން ދާ މައި އެއް ސަރަހައްދެވެ. އަންނަ ޑިސެމްބަރު މަހަކީ ސައޫދީ އަރަބިއާއަށް އުމްރާ މޫސުމެވެ. -- އަލް އަރަބިއްޔާ