ދޯހާ (25 ނޮވެމްބަރު) – ފީފާ ވޯލްޑް ކަޕްގައި މިރޭ މުބާރާތުގެ ހޯސްޓް ގަތަރު އަތުން 3-1 އިން މޮޅުވެ، ސެނެގާލް އިން މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު ދަމަހައްޓައިފި އެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނެދަލޭންޑްސް އަތުން ބަލިވި ސެނެގާލް އިން މިރޭގެ މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ލީޑު ނެގީ ބުލާޔޭ ޑިއާ ޖެހި ލަނޑުންނެވެ.
އަދި ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ފަމާރާ ދިއޭދިއޫ އެވެ.
މެޗުގެ 78 ވަނަ މިނިޓުގައި ގަތަރުގެ މުހައްމަދު މުންޓާރީ ލަނޑެއް ޖަހައި ތަފާތު ކުޑަކުރި ނަމަވެސް، މެޗުގެ 84 ވަނަ މިނިޓުގައި ސެނެގާލްގެ ބަމްބާ ޑިއެންގް ވަނީ ލަނޑެއް ޖަހައި، ސެނެގާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
މި ނަތީޖާއާއެކު، ގަތަރު އޮތީ ޕޮއިންޓެއް ނުލިބި ގުރޫޕް އޭގެ ފުލުގަ އެވެ. މި ގުރޫޕްގައި މިރޭ ނެދަލޭންޑްސް އާއި އިކުއެޑޯ ކުޅޭ މެޗުގެ ނެދަލޭންޑްސް ބަލިނުވެއްޖެނަމަ، ގަތަރު މުބާރާތުން ކަޓާނެ އެވެ. އޭރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރު ވާނީ މުބާރާތުން ކަޓާ ފުރަތަމަ ގައުމަށެވެ. އަދި ވޯލްޑް ކަޕްގެ ތާރީހުގައި ހޯސްޓްގެ ގޮތުގައި ކަޓާ ދެވަނަ ޓީމަށެވެ. އެންމެ ފުރަތަމަ ވޯލްޑް ކަޕްގެ ހޯސްޓްގެ ގޮތުގައި ގުރޫޕް ސްޓޭޖުން ކެޓީ 2010 ވަނަ އަހަރު ދެކުނު އެފްރިކާ އެވެ.