ގޭތެރެއާއި އާންމު ތަންތަން ސާފުކޮށް ޖަރާސީމުތަކުން ސަލާމަތް ކުރުމަށްޓަކައި ބޭނުންކުރާ ޑިސްއިންފެކްޓަންޓްތަކުގައި ހިމެނޭ ވަކި ބާވަތެއްގެ ކެމިކަލްތަކަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި ގެއްލުންތަކެއް ލިބިދާނެ އެއްޗެއްކަން ސައިންސްވެރިންގެ އާ ދިރާސާތަކުން ހާމަވެއްޖެ އެވެ.

ހާއްސަކޮށް "ކުއަޓާނަރީ އެލުމިނިއަމް ކޮމްޕައުންޑްސް" ނުވަތަ އާންމުކޮށް ކިޔާގޮތުން "ކުއާޓްސް" ކިޔާ ކެމިކަލް މާއްދާތަކުގެ ސަބަބުން އިންސާނުންގެ ދުޅަހެޔޮކަމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ ކަމަށް ސިއްހީ މާހިރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޑިސްއިންފެކްޓަންޓްތަކާއި ވައިޕްސް ބޭނުންކުރާ މިންވަރު ކުއްލިއަކަށް ވަނީ އިންތިހާއަށް އިތުރު ވެގެން ގޮސްފަ އެވެ. ގިނަ ބަޔަކު ދެކެމުން އައީ ސާފުތާހިރުކަން ދެމެހެއްޓުމަށް މިފަދަ ބާރުގަދަ ކެމިކަލްތައް ބޭނުން ކުރުމަކީ ރައްކާތެރިކަމުގެ އެންމެ މަތީ ދަރަޖަ ކަމަށެވެ.

ނަމަވެސް ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ކޮންމެ ދުވަހަކު މިފަދަ ތަކެތި ބޭނުން ކުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ސީދާ އިންސާނުންގެ ހަށިގަނޑަށް ކުރެ އެވެ.

މި ކެމިކަލްތައް އާންމުކޮށް ހުންނަނީ ގޭތެރެ ސާފުކުރާ ސްޕްރޭ، ފަރުނީޗަރު ޕޮލިޝް، ލޯންޑްރީ ސޮފްޓްނާ އަދި އެކި ބާވަތުގެ ސެނިޓައިޒިން ވައިޕްސްގަ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި މި މާއްދާތައް ނޭވާލާ ނިޒާމުގެ ތެރެއަށް ދިއުމާއި ހަންގަނޑުގައި ޖެހި ހަށިގަނޑަށް "އެކްސްޕޯޒް" ވުމުގެ ސަބަބުން ނޭވާ ހިއްލުމާއި، އެލާޖީގެ އެކި މައްސަލަތަކާއި، އަދި ހަންގަނޑު ހިރުވުން ފަދަ ކަންކަން މެދުވެރިވެ އެވެ.

މީގެ އިތުރުން ވެސް ދިފާޢީ ނިޒާމަށް ބުރަ ބޮޑުވެ، ހޯމޯންގެ ނިޒާމަށްވެސް މީގެ ނޭދެވޭ އަސަރުތައް ފޯރާކަމަށް މާހިރުން ފާހަގަކުރެ އެވެ.

މި މައްސަލައިގެ އެންމެ ބޮޑު އެއް ނުރައްކަލަކީ، މިފަދަ ކެމިކަލްތައް މާ ގިނައިން ބޭނުން ކުރުމުގެ ސަބަބުން ޖަރާސީމުތައް އެ ކެމިކަލްތަކަށް ކަމެއް ނުވާފަދަ ވަރުގަދަ ބާވަތްތަކަކަށް (އެންކްމައިކްރޯބިއަލް ރެސިސްޓެންސް') ބަދަލު ވުމެވެ. މީގެ ސަބަބުން މުސްތަގުބަލުގައި އާދައިގެ ބަލިތަކަށް ފަރުވާ ކުރުމަށް ވެސް ދަތިވެގެންދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދެ އެވެ.

މި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ސިއްހީ މާހިރުން ލަފާދެނީ ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ މިފަދަ ކެމިކަލް އެކުލެވޭ ވަރުގަދަ ޑިސްއިންފެކްޓަންޓްތައް ބޭނުން ކުރުން މަދު ކުރުމަށެވެ.

އާންމު ދިރިއުޅުމުގައި ގިނަ ހާލަތްތަކުގައި އާދައިގެ ސައިބޯނިޔާއި ފެން ބޭނުން ކޮށްގެން ސާފު ކުރުމަކީ ވެސް ޖަަރާސީމުތައް ނައްތާލުމަށް ފުދޭވަރަކަށް ރައްކާތެރި އަދި އެހާމެ ފައިދާހުރި ގޮތެކެވެ.

އެހެންކަމުން، ސާފުތާހިރުކަން ދެމެހެއްޓުމުގައި ރައްކާތެރި ގޮތްތައް އިޚްތިޔާރު ކުރުމަކީ އަމިއްލަ ސިއްހަތާއި މުޅި އާއިލާގެ ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ.

ކެމިކަލްތަކުގެ ނުރައްކާތަކުން ސަލާމަތްވެ، ތިމާވެށްޓާ ރައްޓެހި ގޮތްތަކަށް ސާފުކުރުމުގެ އާދަތައް ބަދަލު ކުރުމަކީ މިއަދުގެ ދިރިއުޅުމަށް ބޭނުންވާ މުހިންމު ބަދަލެކެވެ.