ދޯހާ (26 ނޮވެމްބަރު) – ފިފާ ވޯލްޑް ކަޕްގެ ގުރޫޕް ބީގައި މިރޭ އިންގްލެންޑާއި އެމެރިކާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މި ގުރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި އީރާން އަތުން ތަފާތު ބޮޑުކޮށް އިންގްލެންޑް މޮޅުވި ނަމަވެސް، މިރޭގެ މެޗުގައި އިންގްލެންޑްގެ ކުޅުން ފެނުނީ ދަށްކޮށެވެ. ޖުމްލަކޮށް މުޅި މެޗަށް ބަލާއިރު، އެމެރިކާ އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާގެ ވެސްޓަން މިކެނީ ރަނގަޅު ފުރުސަތެއް ގެއްލުވާލިއިރު، ޗެލްސީ އަށް ކުޅޭ އެމެރިކާގެ މިޑްފީލްޑަރު ކްރިސްޓިއަން ޕުލިސިޗްގެ ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެކޮށް އިންގްލެންޑްގެ މޭސަން މައުންޓް ފޮނުވާލި ހަމަލާއެއް އެމެރިކާގެ ގޯލްކީޕަރު މެޓް ޓާރްނާ ވަނީ ދިފާއުކޮށްފަ އެވެ.

މި ނަތީޖާއާއެކު، ގުރޫޕް ބީން ދެވަނަ ބުރަށް ދާނެ ދެ ޓީމު ކަނޑައެޅޭނީ މި ގުރޫޕްގެ ފަހު މެޗުންނެވެ. ފަހު ދެ މެޗުގައި އިންގްލެންޑާ ދެކޮޅަށް ވޭލްސް ނުކުންނައިރު، އެމެރިކާ ކުޅޭނީ އީރާނާ އެވެ.

މި ގުރޫޕުން ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް އަދިވެސް ފޭވަރިޓަކީ އިންގްލެންޑެވެ. އެއީ އެ މެޗުން ހަތަރު ލަނޑުގެ ތަފާތަކުން އިންގްލެންޑް ބަލިވެގެން ނޫނީ، ދެވަނަ ބުރުގެ ޖާގައެއް އިންގްލެންޑަށް ނުގެއްލޭނެތީ އެވެ. އަނެއްކޮޅު، އެމެރިކާ އާއި އީރާން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް، ދެވަނަ ބުރުގެ ޖާގައެއް ލިބޭނެ އެވެ.