ކުއަލަ ލަމްޕޫރު (26 ނޮވެމްބަރު) - މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ތާއީދު ސަރުކާރަށް އެބައޮތް ކަމަށް އަލަށް އިންތިހާބު ކުރެވުނު ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އަންވަރު މިހެން ވިދާޅުވެފައިވަނީ މަޖިލީހުގައި ހަ ގޮނޑި ހިއްސާކުރާ ގަބުންގަން ރަކްޔަތު ސަބާހް (ޖީއާރްއެސް)އިން ސަރުކާރާއެކު ކޯލިޝަން ހަދަން އެއްބަސްވިކަން އިއުލާން ކުރަމުންނެވެ.

މިކަން އިއުލާން ކުރަމުން އަންވަރު އިތުރަށް ވިދާޅުވީ މަޖިލީހުގެ އަޣުލަބިއްޔަތާއެކު ގައުމުގެ އިގްތިސާދީ ހަމަޖެހުން ކުރިއެރުވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް މިހާރު ތަންފީޒް ކުރެއްވޭނެ ކަމަށެވެ.

ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަ ދައްކަވަމުން އަންވަރު ވިދާޅުވީ އޭނާގެ ސަރުކާރުގައި މިނިސްޓަރުންގެ އަދަދު މަދުކުރައްވާނެ ކަމަށާއި މިނިސްޓަރުންގެ މުސާރަ ވެސް ކުޑަ ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން ބޮޑުވަޒީރުގެ މަގާމުގައި އޭނާއަށް ސަރުކާރުން ލިބޭ މުސާރަ ވެސް ނުނަންގަވާނެ ކަމަށް އަންވަރު ވިދާޅުވި އެވެ. އެއީ އެގައުމުގެ ދިރިއުޅުމުގެ އަގު އުފުލެމުން އަންނާތީ ކަމަށް އޭނާ ވިދާޅުވެ އެވެ.

އަންވަރުގެ ކޯލިޝަންއަށް އިތުރުވި ހަ ގޮނޑިއާއެކު ގާނޫނު ހަދާ މަޖިލީހުގައި އޭނާއަށް ތާއީދުކުރާ ޖުމްލަ 135 ގޮނޑި އެކުލެވެ އެވެ. އޭގެ ތެރޭގައި މިފަހުން އެކުލަވާލި އެއްބައިވަންތަ ސަރުކާރުގެ ބައިވެރިންގެ ގޮނޑިތައް ވެސް ހިމެނެ އެވެ.

އުމުރުން 75 އަހަރުގެ އަންވަރު ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު މެލޭޝިއާގެ ރަސްގެފާނު ސުލަތާން ޝާހްގެ ކުރިފުޅު މަތީގަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް