ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އާލިއާ ބަޓާއި ރަންބީރު ކަޕޫރަށް އަލަތު ދަރިފުޅު ލިބިފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. އެމީހުންގެ އަންހެން ދަރިފުޅަށް ކިޔާ ނަން ވަނީ ދާދިފަހުން އިއުލާނުކޮށްފަ އެވެ.

އެ ކުއްޖާއަށް ކިޔަން ނިންމާފައި ވަނީ ރަހާ ކަޕޫރު އެވެ. ރަހާގެ ފޮޓޯއެއް އަދި މިހާތަނަށް އެ މީހުން ހާމައެއް ނުކުރެ އެވެ. ދަރިފުޅުގެ ނަން ވެސް ހާމަކޮށްފައި ވަނީ ބާސެލޯނާ ޖާޒީއެއްގައި އެ ނަންޖަހައި ފޭނުންނަށް ކުރި ޕޯސްޓަކުންނެވެ.

އާއިލާ އާއި ރަންބީރު އަންނަނީ މައިންބަފައިންގެ ރޯލު އެންމެ ފުރިހަމައަށް އަދާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އާލިއާ ވަނީ އޭނާގެ ދަރިފުޅު ތަރުބިއްޔަތުކުރާނެ ގޮތާ މެދުގައި ވާހަކަ ދައްކާފަ އެވެ. މިގޮތުން އާލިއާއާއި ރަންބީރު ބުނަނީ އެމީހުން ދަރިފުޅު ބަލަހައްޓާނީ އިތުރު މީހަކާ ހަވާލުނުކޮށް ދެ މީހުން އަމިއްލައަށް ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާލިއާ ބަޓްގެ މަންމަ ސޯނީ ރަޒްދާން އާއި ރަންބީރުގެ މަންމަ ނީތު ކަޕޫރު ވެސް އެމީހުންގެ މާމަ ދަފިފުޅުގެ ކަންކަން ކުރަން ބޭނުންވި ނަމަވެސް، އެ ފުރުސަތު އާލިއާއި ރަންބީރު ނުދެ އެވެ.

ބޭބީސިޓާއެއް ހޯދައިދޭން އެ މީހުންގެ އާއިލާއިން ހުށަހެޅުމުން ވެސް އެކަމާ އާލިއާ ދެކޮޅުހަދާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އާލިއާ މީޑިއާއަށް ދިން އިއްޓަވިއުއްގައި ބުނެފައި ވަނީ ދަރިފުޅު ވަކިކަމެއް ކުރުވަން އެއްވެސް ފޯރިއެއް ބާއްވަން ނުވަތަ އެއްވެސް މާޔޫސްކަމަކާ ކުރިމަތިލާން ބޭނުން ނުވާ ކަމަށާއި އެހެންކަމުން، "އެޖާގަ ހުސްކޮށް" ބޭއްވުން ބުއްދިވެރި ކަމަށެވެ.

މި އަހަރު ގެ އޭޕްރީލް 14 ގައި ރަންބީރް ކަޕޫރާއި އާލިއާ ކައިވެނިކުރީ ރައްޓެހި ވެގެން އުޅޭތާ އަހަރުތަކެއް ފަހުންނެވެ. މި މަހުގެ ހަ ވަނަ ދުވަހު އާލިއާ ވިހެއީ އަންހެން ކުއްޖެކެވެ.

ބޮލީވުޑް ގެ މަޝްހޫރު އަދި ނުފޫޒު ގަދަ ދެ އާއިލާ އަށް ނިސްބަތްވާ މި ދެތަރިން އެކުގައި އެންމެ ފަހުން ލީޑް ރޯލް ކުޅެފައިވާ ފިލްމަކީ "ބްރަހްމަސްތަރާ-1" އެވެ.