މިއަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ފަށައިގެން ކުރިއަށް ދާއިރު ބައިނަލްއަގުވާމީ ފުޓްބޯޅަ އީދުގެ ފޯރި މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ގަދަވެފަ އެވެ.

އެހެން ނަމަވެސް މިފަހަރުގެ މުބާރާތަކީ މުބާރާތް ބާއްވާ ގަތަރަށް ފަސޭހަ މުބާރާތެކޭ ދެންނެވޭކަން ނެތެވެ. މުބާރާތާ ގުޅުވައިގެން ގަތަރުން ކަނޑައަޅާފައިވާ ބައެއް ގަވާއިދުތަކަށް މުބާރާތުގައި ބައިވެރިވި ޓީމުތަކާއި އާއްމުން ވެސް ގިނަ ފާޑުކިޔުންތަކެއް ކިޔާފައިވެ އެވެ.

އެގޮތުން "އެލްޖީބީޓީ" ރަމްޒުކޮށްދޭ ވިއްސާރަދުނި ސިފަވާ އެއްވެސް އެއްޗެއް މެޗުތަކުގައި ބޭނުން ކުރުން މަނާ ކުރުމާއެކު ޖަރުމަނު ޓީމުން ވަނީ އެކަމާ ހިތްހަމަ ނުޖެހިފަ އެވެ.

ދެން ފެނުނީ ޖަޕާނާއެކު ކުޅުނު މެޗުގައި ޓީމު ފޮޓޯއަށް ހުއްޓިގެން ތިބިއިރު އަނގަމަތީ އަތް އަޅައިގެން ތިބި ތަނެވެ. ސަބަބެއް ކަމަށް ބުނީ ގަތަރުންނާއި ފީފާއިން އިންސާނީ ހައްގުތަކަށް އަރައިގަންނާތީ ކަމަށެވެ.

ދަނޑުގެ ހަތަރު ރޮނގުން ބޭރަށް ބެލިކަމުގައި ވިޔަސް ފެންނަނީ ސިޔާސީ ކަންކަން ޕްރޮމޯޓްކުރާ ތަނެވެ. އީރާނާއި ވޭލްސް ބައްދަލުކުރި މެޗުގައި އީރާނުގެ ސަޕޯޓަރުން ވަނީ އެގައުމުގެ ސަރުކާރާ ދެކޮޅު ޝިއާރުތައް އެކުލެވޭ ބެނާތައް ބޭނުން ކޮށްފަ އެވެ.

ކޮންމެ އަކަސް މިފަހަރުގެ ވޯލްޑް ކަޕް ވެފައިވަނީ ވަކި ޕްރޮޕެގެންޑާތަކެއް ފަތުރަން ވަކި ބަޔަކު ގަދައަޅާ މަސައްކަތް ކުރާ މުބާރާތަކަށެވެ. މިފަަދަ ކަންކަމާއި ފުޓުބޯޅައާ މަސްހުނި ކުރުމަކީ ކުޅިވަރަށް ލިބޭނެ ދެރައަކަށް ނޫނީ ނުވާނެ އެވެ.