ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ފުލުހުން އޭނާގެ މައްޗަށް ކޮށްފައި ވަނީ މާރާމާރީ އާއި ބިރު ދެއްކުމުގެ ކުށުގެ ތުހުމަތުތަކެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން 30 ދުވަސް ޖަހާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި ހައްޔަރުކުރި މީހާގެ މައްޗަށް ކުށްކުރި ކަމަށް ސާބިތުވާ ވަރަށް ހެއްކާއި ގަރީނާ ވަނީ ލިބިފަ އެވެ.
އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އެ މީހާ މާލޭގެ ގޭންގަކަށް ނިސްބަތްވުމާއި އޭނާ އަކީ މާރާމާރީ އާއި ތޫނު ހަތިޔާރާ ގުޅުންހުރި ރެކޯޑު އޮންނަ މީހަކަށް ވުން ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މޮސްޓާ އަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާއިރު މިދިޔަ އަންގާރަ ދުވަހު، އާޓިފިޝަލް ބީޗު ސަރަހައްދުގައި މެމްބަރު ނަޝީދުގެ ބޮޑީގާޑަކަށް ބަޔަކު ވަނީ ހަމަލާދީފަ އެވެ. އަދި އެކަން ހިނގިއިރު އެ ސަރަހައްދުގައި މެމްބަރު މޮސްޓާ ހުންނެވި ކަމަށް ބައެއް މީހުން ބުނެ އެވެ.