މަރާލާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ވައްލަތަކެއް މާލޭގެ ދެކުނު ފަޅުތެރެއިން ފެނިއްޖެ އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ، މާފަންނު ސްޓޭޑިއަމާވީ ދިމާލު ފަޅުތެރެއިން ގާތްގަނޑަކަށް 15 ވަރަކަށް ވައްލަ އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށެވެ. އަދި އެއީ މަރާލުމަށްފަހު ނުވަތަ ގެންގުޅުމަށްފަހު މޫދަށް އުކާލާފައިވާ ދޫނިތަކެއް ކަމަށް ޝައްކުކުރެވޭ ކަމަށްވެސް އީޕީއޭއިން ބުނެ އެވެ.

އީޕީއޭ އިން ވަނީ އެކަމާ ގުޅޭ އިތުރު މައުލޫމާތު އެނގޭ ނަމަ، އެކަން އެ އެޖެންސީއާ ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.

ފޯނުން މައުލޫމާތު ހިއްސާކުރުމަށް އީޕީއޭގެ ހޮޓްލައިން: 7980379 އަށް ނުވަތަ އީމެއިލް މެދުވެރިކޮށް ނަމަ [email protected] މެއިލް ކުރެވޭނެ އެވެ.

ވައްލައަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތެކެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެއްވެސް ދޫންޏެއް ނުވަތަ ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކަށް އަނިޔާކޮށް، ގެއްލުންދީ ނުވަތަ ހިފާ ގެންގުޅުމަކީ މަނާ ކަމެކެވެ.