ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަގާމަށް މއ. މަނާގެ، އަލީ ފާއިޒު ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ލަންކާގެ ސަފީރުކަމުގެ މަގާމަށް ފާއިޒު އައްޔަން ކުރަން މަޖިލީހުން ރުހުން ދެއްވީ 62 މެމްބަރުންގެ ވޯޓުންނެވެ.

ލަންކާގެ ސަފީރުކަމުގެ މަގާމަށް ފާއިޒު އައްޔަން ކުރައްވަން ފޮނުވާފައި ވަނީ އެގައުމުގެ ސަފީރުކަމުގެ މަގާމުގައި ކުރިން ހުންނެވި އުމަރު އަބްދުއްރައްޒާގު ކިންގްޑަމް އޮފް ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުންނެވެ.

ލަންކާގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވި ފާއިޒަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ ރައީސެވެ.

ފާއިޒަކީ މީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމާއި، މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.