ދޯހާ (28 ނޮވެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ޖީގައި މިއަދު ކެމެރޫނާއި ސާބިއާ ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެއްޖެ އެވެ.
މި މެޗުގައި ސާބިއާ އިން 3-1ގެ ލީޑެއް ދެވަނަ ހާފުގައި ނެގި ނަމަވެސް، ކެމަރޫން އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި މެޗުން ޕޮއިންޓެއް ހޯދައިފަ އެވެ.
މެޗުގެ 29 ވަނަ މިނިޓުގައި ކެމަރޫނުން ލީޑު ނެގީ ޖޯން ޗާލްސް ކަސްޓެލެޓޯ ޖެހި ލަނޑުންނެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސާބިއާ އިން ވަނީ މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފަ އެވެ. ސާބިއާގެ ފުރަތަމަ ލަނޑު ޖެހީ ސްޓަރިންޔާ ޕަވްލޮވިޗް އެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ސެރްގޭ މިލިންކޮވިޗް ސަވިޗެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ސާބިއާގެ އެލެކްސަންޑާ މިޓްރޮވިޗް ލަނޑު ޖަހައި، އެ ޓީމުގެ ލީޑު 3-1 އަށް ފުޅާކުރި އެވެ. އެ ހިސާބުން ބެލެވުނީ ސާބިއާ އިން މެޗުން މޮޅުވާނެ ކަމަށެވެ. އެކަމަކު ކެމަރޫން އިން ވަނީ ހިތްވަރު އެލުވައި ނުލައި، މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
މެޗުގެ 63 ވަނަ މިނިޓުގައި ކެމަރޫންގެ ދެވަނަ ލަނޑު ޖެހީ ތަޖުރިބާކާރު ފޯވަޑް ވިންސެންޓް އަބޫބަކުރެވެ. އޭރިޔާ ތެރެއިން އަބޫބަކުރު ވަނީ ވަރަށް ހަމަޖެހިލައިފައި، ގޯލްކީޕަރު ބޯ މަތިން ގޯލަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ކެމަރޫން އިން ނަތީޖާ އެއްވަރުކުރީ އޭގެ ތިން މިނިޓު ފަހުން ބަޔާން މިއުނިކްގެ ފޯވަޑް އެރިކް ޗޫޕޯ މޯޓިންގް ޖެހި ލަނޑުންނެވެ. މި ލަނޑުގައި ޗޫޕޯ މޯޓިންގް އަށް އެސިސްޓްކުރީ އަބޫބަކުރެވެ.
މި ނަތީޖާއާއެކު، މި ދެ ޓީމަށް ވެސް އަދި ދެވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. ދެ ޓީމަށް ވެސް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ. މި ގުރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު ބްރެޒިލް އޮތްއިރު، ދެވަނައިގައި ސްވިޓްޒަލޭންޑް ވެސް އޮތީ ތިން ޕޮއިންޓާއެކު އެވެ.
ބްރެޒިލް އާއި ސްވިޓްޒަލޭންޑް މިރޭ ކުރިމަތިލާނެ އެވެ.