ޑާންސް ރިއަލިޓީ ޝޯތަކުގެ ތެރެއިން އެންމެ ބޮޑު މަގޫބޫލުކަމެއް ހޯދާފައިވާ ކަލާޒްގެ ޑާންސް ޝޯ "ޖަލަކް ދިކްލާ ޖާ" ގެ 10 ވަނަ ސީޒަން އޭގައި ވާދަކުރި އެންމެ ހަގު ބައިވެރިޔާ ގުންޖަން ސިންހާ ކާމިޔާބުކޮށްފި އެވެ.

އުމުރުން 8 އަހަރުގެ ގުންޖަން ޝޯގެ ޓްރޮފީ އުފުލާލި އިރު، އޭނަ ޝޯގައި ވާދަކުރީ ކޮރިއޮގްރާފަރު ސާގަރުގެ ބޯރާގެ ބެލެނިވެރިކަމުގެ ދަށުންނެވެ. ގުންޖަން ފާހަގަކުރެވީ ހުރިހާ ވައްތަރެއްގެ ނެށުންތަކަކަށް ވެސް ކުޅަދާނަ ނެށުންތެރިއެއްގެ ގޮތުގަ އެވެ. މިޝޯގައި ގުންޖަންގެ ޕާޓްނަރަކޯ ޓެޖާސް ވަރްމާ އެވެ.

ގުންޖަން ވަނީ ޓްރޮފީ އާއި 20 ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ލިބިގެން ގޮސްފަ އެވެ.

އޭނާ "ޖަލަކް ދިކްލާޖާ 10" ގައި ވާދަކުރި އިރު، މިދިޔަ ކަލާޒް އިން ގެނެސްދިން "ޑާންސް ދީވާނޭ" ސީޒަން ތިނެއްގައި ވާދަކޮށް ދެވަނަ ހޯދާފައިވެ އެވެ.

އެ ޝޯއިން ވިދާލި ގުންޖަން ވަނީ އޭނަގެ ވަރަށް ހާއްސަ ސިގްނޭޗާ ޑާންސް ސްޓެޕެއް ވެސް ދައްކުވައި ދީގެން ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފަ އެވެ.

"ޖަލަކް ދިކްލާ ޖާ" ގެ 10 ވަނަ ސީޒަން ކާމިޔާބު ކުރި ގުންޖަން ސިންހާ

މިފަހަރުގެ ސީޒަންގައި ގުންޖަން އާއި އެންމެ ކައިރިން ވާދަކުރީ ޓީވީ ބަތަލާ އަދި ބިގް ބޮސް 14 ކާމިޔާބު ކުރި ރުބީނާ ދިލައިކް އާއި ސޯޝަލް މީޑިއާގެ ތަރި ފައިސަލް އެވެ.

ގުންޖަން، ފައިސަލް އަދި ރުބީނާގެ އިތުރުން ފައިނަލަށް ދިޔަ އެހެން ބައިވެރިންނަކީ ގަޝްމީރު މަހާޖާނީ، ސްރީތީ ޖާ އަދި ނިޝާންތު ބާޓް އެވެ.

"ޖަލަކް ދިކްލާ ޖާ 10" މަނީޝް ޕޯލް ހޯސްޓްކުރި ޝޯގެ ޖަޖުންނަކީ ކަރަން ޖޯހަރާއި މަދޫރީ ޑިކްސިޓްގެ އިތުރުން ނޯރާ ފަތުހީ އެވެ.

ގުންޖަން ސިންހާ އާއި ކޮރިއޮގްރާފަރު ސާގަރުގެ ބޯރާ އަދި ތޭޖަސް

"ޖަލަކް ދިކްލާ ޖާ 10" ގައި ވާދަކުރި ސެލެބްރިޓީންހެ ތެރޭގައި މަޝްހޫރު އެތައް ޓީވީ ތަރިންނެއް ހިމެނެ އެވެ