ގަތަރު ވޯލްޑް ކަޕްގައި މިދިޔަ ހޯމަ ދުވަހު ބްރެޒިލްއާއި ސްވިޓްޒަލޭންޑް ވާދަކުރި މެޗުގައި ގިނަ ބައެއްގެ ލޯތައް އަމާޒުވީ ދަނޑުގެ ބޭރުން ފެނުނު މަންޒަރަކަށެވެ.

ރަސް އަބޫ އަބޫދް ސްޓޭޑިއަމްގެ ވީއައިޕީ ސަރަހައްދުން ފެނުނު އެ މަންޒަރަކީ ހަމަގައިމު ވެސް ބްރެޒިލްއަށް ސަޕޯޓުކުރާ ގިނަ ބައެއްގެ ހިތްތައް އުފަލުން ފުރާލާނެ މަންޒަރެކެވެ.

ވޯލްޑް ކަޕްގެ ތާރީހުގައި ބްރެޒިލް ޓީމުން އެކި ދުވަސްވަރު ފެނިގެން ދިޔަ އެކުޅުންތެރިން އެކުގައި ފެނުމަކީ ތާރީހީ ވަގުތަކަށް ނުވެ ނުދާނެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެ ފޮޓޯގައި ފެންނަނީ ބްރެޒިލް ޓީމަށް މީގެ ކުރިން ކުޅެދިފައިވާ ކަކާ، ކަފޫ، ރޮބާޓޯ ކާލޮސް އަދި ރޮނާލްޑޯ އެކުގައި ފޮޓޯއަކަށް ހުއްޓިގެން ތިއްބަ އެވެ.

މީގެ ތެރެއިން ކޮންމެ ކުޅުންތެރިއަކީ ވެސް ވޯލްޑް ކަޕްގެ ތާރީހުގައި ބްރެޒިލް ޗެމްޕިއަންކަން ހޯދި ފަސް ފަހަރުގެ ތެރެއިން އެކި ފަހަރުތަކުގައި ޓީމުގެ އިސް ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިންނެވެ.

ކުޅުމުން ރިޓައާވެ ދަނޑުމަތިން ނުފެނުނު ނަމަވެސް މިއަދު ވެސް އެ ކުޅުންތެރިންނަކީ ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ ކުޅުންތެރިން ތަކެކެވެ. އެއީ ބްރެޒިލްގެ މިހާރުގެ ކުޅުންތެރިން ވެސް ނަމޫނާއަކަށް ބަލާ ކުޅުންތެރިންނެވެ.

ބުދަ ދުވަހުގެ މެޗުގައި 0-1 ގެ ނަތީޖާއަކުން ބްރެޒިލް ކާމިޔާބު ހޯދުމާއެކު އެގައުމު ވަނީ ދެވަނަ ބުރަށް ކޮލިފައި ވެފަ އެވެ. ބްރެޒިލްއާއެކު މިހާތަނަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ޕޯޗުގަލްއާއި ފްރާންސް އެވެ.