ރޭގަނޑުގެ ނިންޖަކީ އެކަމަށް ތައްޔާރުވެގެން ކުރަންޖެހޭ ކަމެކެވެ. އެގޮތުން ނިދަން ތައްޔާރުވުމުގެ ގޮތުން ކުރުން އެންމެ މުހިއްމު އެއް ކަމަކީ ނިދުމުގެ ތިން ގަޑިއިރު ކުރިން ކެއުން ހުއްޓާލުމެވެ.

2016 ވަނަ އަހަރު ހަދާފައިވާ ދިރާސާއެއްގައި ބުނާ ގޮތުން ރޭގަނޑުގެ ކެއުން ކާން އެންމެ ރަނގަޅީ ރޭގަނޑު 7:00 އާއި 8:00 ދެމެދުގަ އެވެ. އެއަށްފަހު ނިދަން ޖެހޭނީ ކެއުމުގެ ތިން ގަޑިއިރު ފަހުންނެވެ.

އުމުރުން 18 އަހަރާއި 65 އަހަރުގެ 7000 މީހުން ހިމަނައިގެން ކުރި މިދިރާސާއިން ހާމަވާގޮތުން ގިނަމީހުންނަށް ސިއްޙީ މައްސަލަތައް (ހިތުގެ މައްސަލައާއި ލޭ މައްޗަށްދިޔުމުގެ މައްސަލައާއި ހަކުރުގެ މައްސަލަފަދަ) ދިމާވެފައިވަނީ ކައިގެން މަޑު ނުވެ ނިދުމުގެ ސަބަބުންނެވެ.

ރޭގަނޑު ކެއުމުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. މީގެތެރޭގައި ލޭގެ ޕްރެޝަރަށް އަސަރުތައް ކުރުމައި ހިތުގެ ސިއްހަތަށް ކުރާ އަސަރުތައް ހިމެނެ އެވެ. މި އަސަރުތައް ކުޑަވާ ކަމަށް ވަނީ ކެއުމަށްފަހު ތިން ގަޑިއިރު ފަހުންނެވެ.

ކެއުމަށްފަހު ލަސްނުކޮށް ނިދަން އާދަކުރަނަމަ ލޭމައްޗަށް ދިޔުމާއި ހަކުރު ބައްޔަށް މަގުފަހިވުމާއި ހިތުގެ މައްސަލަތައް ކުރިމަތިވުމަށް މަގުފަހިވާނެކަން މިދިރާސާއިން ހާމަވެފައިވެ އެވެ. މީގެ އިތުރުން ފަލަވުމާއި ބަޑުގައި މަސްޖެހުމާއި ހަޖަމުގެ މައްސަލަތައް ދިމާވުމަކީ ވެސް ރޭގަނޑު ކާގޮތަށް ނިދާނަމަ ދިމާވާނެ މައްސަލަތައް ކަން މިދިރާސާގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ރޭގަނޑުގެ ކެއުމުގައި ބޭނުންކުރާ ތަކެއްޗަކީވެސް ހަށިގަނޑަށް އޭގެ އަސަރުކުރާ މިންވަރު ތަފާތުވާނެ ތަކެތި ކަމަށާއި މިގޮތުން ލޮނާއި އެއްގަމުމަހާއި ހަކުރުގެ ބާވަތްތަކަކީ ބަރުތަކެތި ކަމާއި އެތަކެތިން ހަށިގަނޑަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް މި ދިރާސާ ބުނެ އެވެ.

އެހެން ކަމުން ރޭގަނޑު ނިދަން ކައިރި ކޮށްފައި ކާން އާދަވެފައިވާ ގޯސް އާދަ ހުއްޓާލަން މަސައްކަތް ކުރަން ޖެހެ އެވެ.