ދޯހާ (30 ނޮވެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ޑީގެ ފަހު މެޗުތައް މިރޭ ކުޅުނުއިރު، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އަތުން 1-0 އިން މޮޅުވިޔަސް ޓިއުނީޝިއާ މުބާރާތުން ކަޓައި، ޑެންމާކް އަތުން 1-0 އިން މޮޅުވި އޮސްޓްރޭލިއާ އަށް ގަދަ 16ގެ ޖާގަ ލިބިއްޖެ އެވެ.

ޓިއުނީޝިއާ އަތުން ބަލިވިޔަސް، ހަ ޕޮއިންޓާއެކު ގުރޫޕް އެއްވަނަ ހޯދީ ފްރާންސްއެވެ. ހަ ޕޮއިންޓާއެކު އޮސްޓްރޭލިއާ ދެވަނަ ހޯދިއިރު، ފަސް ޕޮއިންޓާއެކު ތިން ވަނައިގައި ގުރޫޕް ސްޓޭޖް ނިންމާލީ ޓިއުނީޝިއާއެވެ. ތާވަލްގެ ފުލުގައި އެއް ޕޮއިންޓާއެކު މުބާރާތް ނިންމާލީ ޑެންމާކެވެ.

މިރޭގެ މެޗުގެ ކުރިން ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައި އޮތުމުން، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ ފުރަތަމަ 11 އަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން، އެ ޓީމުގެ މުހިންމު ތަރިން ކަމަށްވާ ކިލިއަން އެމްބާޕޭ އާއި އެންޓުއާން ގްރީޒްމަން އަދި ކެޕްޓަން ހޫގޯ ލޮރިސް ފުރަތަމަ 11ގައި ނުހިމަނަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފްރާންސަށްވުރެ ރަނގަޅަށް ކުޅެ ޓިއުނީޝިއާ އިން ހަމަލާތަކެއް އުފެއްދި އެވެ. އެކަމަކު އެ ޓީމަށް ފްރާންސްގެ ގޯލު ހުޅުވާލެވުނީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގެ 58 ވަނަ މިނިޓުގައި ޓިއުނީޝިއާ އަށް ލަނޑު ޖަހައިދިނީ ކެޕްޓަން ވަހްބީ ކާޒީ އެވެ.

އެކަމަކު މި ލަނޑާއެކު، މެޗުގެ އޮއިވަރު ބަދަލުވެގެންދިޔައެވެ. މެޗުގެ ނަތީޖާ އަނބުރާލަން، ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ވަނީ މެޗުގެ ބާކީ އޮތް ބައިގައި އެމްބާޕޭ، ގްރީޒްމަން، އެޑްރިއަން ރަބިއޯ އަދި އުސްމާނޭ ޑެމްބެލޭ ކުޅެންއަރުވައިފައެވެ. މި ކުޅުންތެރިންނާއެކު، ޓިއުނީޝިއާގެ ފަހަތަށް ފްރާންސް އިން ބާރުބޮޑުކުރި އެވެ.

މެޗުގެ އިތުރު ވަގުތުގައި ގްރީޒްމަން ވަނީ ޓިއުނީޝިއާ ކޮޅަށް ލަނޑެއް ޖަހައި، މެޗު އެއްވަރުކޮށްފަ އެވެ. އެކަމަކު ވީއޭއާރް އިން ބެލުމަށް ފަހު، އެ ލަނޑު ބަލައިނުގަތީ ގްރީޒްމަން އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

އޮސްޓްރޭލިއާ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރީ މެޗުގެ ދެވަނަ ހާފުގައި މެތިއު ލެކީ ޖެހި ލަނޑުންނެވެ. މެޗުގެ ބޮޑު ބައި ޑެންމާކް އިން ކޮންޓުރޯލްކުރި ނަމަވެސް، ލަނޑެއް ކާމިޔާބެއްނުވި އެވެ.