ކީވް (02 ޑިސެމްބަރު) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގެ މިހާތަނަށް ޔޫކްރެއިން އަސްކަރިއްޔާގެ 13،000 އަށް ވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ ސީނިއާ އެޑްވައިޑަރެއް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ހަނގުރާމައިގައި އެ ގައުމުގެ އަސްކަރިއްޔާއަށް ލިބުނު އިންސާނީ ގެއްލުން 13،000 ސިފައިންނަށް އަރާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ހަނގުރާމައިގެ ސީދާ ތަފާސް ހިސާބުތައް ކުރިއަށް އޮތް ތަނުގައި ރައީސް ޒެލެންސްކީ އާއްމުކޮށް އިއުލާން ކުރައްވާނެ ކަމަށެވެ.

މިދިޔަ ޖޫން މަހު ހަނގުރާމަ އެންމެ ވަރުގަދަވި ދުވަސްކޮޅު ޒެލެންސްކީ ވަނީ ކޮންމެ ދުވަހަކު ވެސް އެ ގައުމުގެ އަސްކަރިއްޔާގެ 600 އާއި 1،000 ސިފައިން މަރުވަމުންދާ ކަމަށް ވިދާޅުވެފައިވެ އެވެ.

ޔޫކްރެއިންއިން މިހެން ބުނެފައިވާއިރު ރަޝިއާގެ ޑިފެންސް މިނިސްޓްރީއިން ވަނީ ހަނގުރާމައިގައި އެ ގައުމުގެ 6،000 އެއްހާ ސިފައިން މަރުވެފައިވާ ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް ދެ ގައުމުން ވެސް އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަކީ ތެދު މައުލޫމާތު ނޫން ކަމަށް ބުނެވެ އެވެ. އެމެރިކާއިން ވަނީ ހަނގުރާމައިގައި ރަޝިއާގެ 10،000 ސިފައިން މަރުވެފައިވާ ކަމަށް ބުނެފަ އެވެ.

ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިންއަށް އަރައި ފެށި ހަނގުރާމައިގައި ޔޫކްރެއިން ސިފައިންގެ އިތުރުން އެތައް ހާސް އާއްމުންނެއް ވެސް ވަނީ މަރުވެފަ އެވެ. -- އަލް އަރަބިއްޔާ