ދޯހާ (4 ޑިސެމްބަރު) – ފޯވަޑް އޮލިވިއޭ ޖިރޫ އާއި ކިލިއަން އެމްބާޕޭގެ ލަނޑުތަކާއެކު، ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި މިރޭ ޕޯލެންޑް އަތުން 3-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ފުރަތަމަ ހާފުގައި ފްރާންސް އިން ޕޯލެންޑްގެ ޑިފެންސަށް ބާރުބޮޑުކޮށް، ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 44 ވަނަ މިނިޓުގައި ޖިރޫ ޖެހި ލަނޑުންނެވެ. މިއީ ފްރާންސްގެ ގައުމީ ޓިމަށް ޖިރޫ ކާމިޔާބުކޮށްދިން 52 ވަނަ ލަނޑެވެ. އަދި މި ލަނޑާއެކު ޖިރޫ ވަނީ ފްރާންސްގެ ލެޖަންޑް ތިއޭރީ އޮންރީ ފަހަތަށް ޖައްސާލައި، ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނަ އަށް ޖެހިލައިފައެވެ.

ފްރާންސް އިން ލަނޑު ޖެހުމުގެ ކުރިން ޕޯލެންޑަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފައެވެ. އެންމެ ރަނގަޅު ފުރުސަތެއް ލުބުނީ މިޑްފީލްޑަރު ޕިއޮޓަ ޒިއެލިންސްކީއަށެވެ. އެކަމަކު ފްރާންސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އަށް ލިބުނު ބޯޅަ ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރސް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ފްރާންސްގެ ތަރި އެމްބާޕޭ ވަނީ އޭނާގެ ފެންވަރު ދައްކާލައިފައެވެ. އެމްބާޕޭ ފްރާންސް ލީޑު ފުޅާކުރީ މެޗުގެ 74 ވަނަ މިނިޓުގައި ޖެހި ގޯލުންނެވެ. ކައުންޓާ އެޓޭކެއްގައި ފްރާންސް އިން ތަނަވަސްކުރި ފުރުސަތެއްގައި، އުސްމާނޭ ޑެމްބޭލޭ ދިން ޕާސް ޕެނަލްޓީ އޭރިޔާ ތެރެއިން ކޮންޓުރޯލްކޮށްލުމަށް ފަހު، އެމްބާޕޭ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލަފިއެވެ.

އަދި މެޗުގެ އިތުރު ވަގުތުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ހޯދުމަށް ފަހު، ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައި އެމްބާޕޭ ވަނީ ފްރާންސްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ ޖެހި ފަސް ވަނަ ލަނޑެވެ.

މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން، ޕޯލެންޑަށް ސުން ކަނޑުވާލަދިނީ އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޮވްސްކީއެވެ.

ކުއާޓާ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ނުކުންނާނީ މިރޭ އިންގްލެންޑާއި ސެނެގާލް ބައްދަލުކުރާ ގަދަ 16ގެ މެޗުން މޮޅުވާ ޓީމެވެ.