ދޯހާ (5 ޑިސެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި ރޭ ސެނެގާލް އަތުން 3-0 އިން މޮޅުވެ އިންގްލެންޑް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އެވެ.

އިންގްލެންޑް އިން ރޭގެ މެޗުގައި ލީޑު ނެގީ 39 ވަނަ މިނިޓުގައި ޖޫޑް ބެލިންގްހަމް ތަނަވަސްކޮށްދިން ފުރުސަތަކުން، ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ޖެހި ލަނޑުންނެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް، އިންގްލެންޑް އިން އުފެއްދި ކައުންޓާ އެޓޭކެއްގައި ބެލިންގްހަމް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި، އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި ކޭން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މެޗުގެ 57 ވަނަ މިނިޓުގައި ފިލް ފޯޑަން ހުރަސްކޮށްލި ބޯޅައެއް ގޯލަށް އަމާޒުކޮށްލައި އިންގްލެންޑްގެ ތިން ވަނަ ލަނޑު ޖެހީ ބުކާޔޯ ސާކާ އެވެ.

މި ލަނޑާއެކު އިންގްލެންޑް ހަމަޖެހިލައި، އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓަށް ގިނަ ބަދަލުތަކެއް ގެންނަން ފުރުސަތު ލިބުނެވެ.

މެޗަށް ފަހު ސައުތުގޭޓް ބުނީ ރޭގެ މެޗުގައި ޓީމުން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ފްރާންސްއާ ދެކޮޅަށް ކުޅުމަކީ އިންގްލެންޑް ކުރިމަތިލާން ޖެހޭ "ވަރުގަދަ ޗެލެންޖެއް" ކަމަށެވެ.

"އެކަމަކު ފާއިތުވި އަހަރުތަކުގައި އިންގްލެންޑް އިން ހޯދި ތަޖުރިބާތަކާއެކު، ޓީމުގެ ކޮންފިޑަންސް އޮތީ ވަރަށް ރަނގަޅުވެފައި،" ސައުތުގޭޓް ބުންޏެވެ.