ދިރިއުޅުމުގައި ދިމާވާ އެކި ކޮންޖެހުންތައް އެކި މީހުން ހައްލު ކުރާނީ އެކޮގޮތަށެވެ. ހިތްވަރުގަދަ މީހުން ކެތްތެރިކަމާއިއެކު މައްސަލަ ހައްލުކޮށްލަ އެވެ. އަނެއްބައިމީހުން އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވެ އެވެ. އެހެންނަމަވެސް ދިމާވާ ކަންކަން ހައްލު ކުރުމަށް ދެ އާދައެއް ދޫކޮށްލަން ޖެހެ އެވެ.

ވަޒީފާގެ މައިދާނަކީ އާ ކަންކަން ކުރަން ތިމާއަށް ޖެހިދާނެ މާހައުލެކެވެ. މަސައްކަތުގެ ގޮތުން ތިމާ އެހާ ފަރިތަ ނޫން ކަންކަން ކުރަން ޖެހިދާނެ އެވެ. ނުވަތަ ކިޔެވުމަށް ކޮލެޖަކަށް ދާ ހިސާބުން ކަންކަން ބަދަލުވެދެ އެވެ. ރައްޓެހިން ބަދަލުވެ، ކިޔެވުމުގެ ވައްޓަފާޅި ސްކޫލުތަކާއި މުޅިން ތަފާތުވެ އެވެ.

އެހެން ނަމަވެސް ބައެއް މީހުން ނުވަތަ ކުދިން އާ ކަންކަންކުރަން ޖެހިލުންވެ ބިރުގަނެ އެވެ. ނުކުމެދާނެ ނަތީޖާ ނޭނގޭތީ ކަަމަށްވެސް ވެދާނެ އެވެ. އެހެން ނަމަވެސް ތިމާ ކުރިއެރުމަށް އެފަދަ ބައެއް ކަންކަންމަކީ މުހިއްމު ކަމަކަށްވުން އެކަށީގެންވެ އެވެ.

ދެވަނަ ކަަމަކީ މީހުން ކިޔާފާނެ އެއްޗަކަށް ޖެހިލުން ވުމެވެ. އާ ކަންކަން ތަޖުރިބާ ކުރުމާއި މިކަން ގުޅުވިދާނެ އެވެ. އަލަށް ވަޒީފާއަށް ދިއުމަކީ އާ ތަޖުރިބާ އެކެވެ. މަތީ ތައުލީމް ހާސިލް ކުރުމަށް ރަށުން ބޭރަށް ނުވަތަ ގައުމުން ބޭރަށް ދިއުން މިވެސް އާ ތަޖުރިބާއެކެވެ.

އާ ބައެއްގެ ތެރެއަށް ތިމާ ނުކުންނަ އިރު އަމިއްލަ ނަފްސަށް އިތުބާރުވެސް ބޭނުންވާނެ އެވެ. އެއްވެސް މީހަކީ ހުރިހާ އެއްޗެއް ދަންނަ ބައެއް ނޫނެވެ. އަބަދުވެސް ދަސްކުރަން އިތުުރު ކަންކަން ހުންނާނެ އެވެ. ކޮންމެ މީހަކީވެސް ތަފާތު އާދަތަކެއް ނުވަތަ ވައްޓަފާޅިއެއް ގެންގުޅޭ މީހެކެވެ. އެހެން މީހުން ބުނެފާނެ އެއްޗަކަށް ނުވަތަ އެހެން މީހަކު ބުނެދޭ ގޮތަކަށް ތިމާ ބަދަލު ވާކަން ނުޖެހެ އެވެ.

ހަނދާނުގައި ބަހައްޓަންވީ ކަމަކީ ދިރިއުޅުމުގައި ކަންކަމާ ކުރިމަތިލާއިރު އެންމެ މުހިއްމު ކަމަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއެކު ހިތްވަރާއެކު ކުރިއަށް ދިއުން ކަމެވެ.