އެކި އެކި ސަބަބު ތަކާހުރެ ނިދަން އުނދަގޫ ވުން ނުވަތަ ނުނިދުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މާގިނައިން ކޮފީ ބުއިން ނުވަތަ ކެފެއިން އެކުލެވޭ އެއްޗެހި ބުއިމަކީ ނުނިދުމަށް މެދުވެރިވާ ސަބަބު ކަމަށް ބައެއް މީހުން ދެކެ އެވެ. އެހެންނަމަވެސް ނިދުމަށް ހުރަސް އަޅާ ހަމައެކަނި ސަބަބަކީ ކެފެއިން އެއް ނޫނެވެ.

އެމެރިކާގައި ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ނިދަން އުނދަގޫވާ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި ހަށިގަނޑުގެ އެކި ތަންތާގައި ރިއްސުން ހިމެނެއެވެ. މިގޮތުން ބުރަކަށީގައި ރިހުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ހުުޅުހުޅުގެ މަސްތަކުގައި ރިއްސުމަކީވެސް ހަމަ ނިދި ލިބުމަށް ހުރަސް އަޅާ ކަންކަމެވެ.

މާބޮޑަށް ކަންކަމާ ވިސްނާ ފިކުރުކޮށް ހަދާނަމަ ނިދަން އުނދަގޫވެ އެވެ. އާއިލީ މައްސަލަތަކާއި އުޅޭ ވަޒީފާގެ ގޮތުން ދިމާވާ މައްސަލަތަކުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ހަމަ ނިދި ނުލިބި ހުންނަން ޖެހިއްޖެނަމަ އާންމުކޮށް ނިދާ އުޅޭ ވަގުތު ބަދަލުވެ ރޭގަނޑު ނިދުމަށް އުނދަގޫވެ އެވެ.

ޑޮކްޓަރުންނާއި ނަރުހުން އަދި މިނޫންވެސް ރޭގަނޑު ޑިއުޓީ އަދާކުރާ މީހުންނަށް ނިދުމުގައި އާދަވެފައި ވަކި ގަވާއިދެއް ނެތުމުގެ ސަބަބުން ނިދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ހަށިގަނޑުގައި ހުންނަ އެކި އެކިއެކި ހޯމޯން ތަކަށް އަންނަ ބަދަލު ތަކުގެ ސަބަބުންވެސް ބައެއް ފަހަރު ނިދުމަށް ހުރަސް އެޅެ އެވެ. މިގޮތުން އަންހެންވެރިން، މައްސަރު ކަންތަކުގެ ދުވަސްވަރާއި މާބަނޑު ދުވަސްވަރު އަދި އުމުރުން ގިނަ ދުވަސްވެ މައްސަރު ކަންތައް ހުއްޓޭ ދުވަސްވަރު (މެނުޕޯސް) ނިދަން އުނދަގޫވާކަމަށް ދިރާސާތައް ބުނެ އެވެ.

އެންމެ ރަނގަޅު ގޮތަކީ ވަކި ތާވަލެއް ހަދައި އެއާ އެއްގޮތަށް ނިދުން ގެންގުޅޭތޯ ބެލުމެވެ.