މިހާރު ކުރިއަށް ގެންދާ ފީފާ ވޯލްޑް ކަޕްގެ މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރަށް ވަޑައިގަންނަވާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ވޯލްޑްކަޕްގެ މެޗެއް ބައްލަވައިލެއްވުމަށްގަތަރަށް ވަޑައިގަތުމަށް އެގައުމުގެ އަމީރު، ޝެއިޚް ތަމީން ބިން ހަމަދް އަލް ތާމީންގެ ދައުވަތެއް ރައީސްއަށް ވަނީ ލިބިވަޑައިގެންފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރައީސް ވަޑައިގަންނަވާނީ ވޯލްޑްކަޕްގެ ސެމީ ފައިނަލްގެ މެޗެއް ބެއްލެވުމަށް ކަމަށެވެ. ރައިސް ސޯލިހްގެ ވެރިކަމުގައި ގަތަރާއި ރާއްޖޭގެ ގުޅުން ބަދަހިވެފައިވާކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ މިދަތުރުފުޅަށްފަހު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.

މިދަތުރުފުޅުގެ ޓިކެޓް ނަންގަވާނީ ރައީސްގެ އަމިއްލަފުޅު ހަރަދުގައި ނަމަވެސް، ގަތަރުގައި ހުންނެވުމާއި ކެއުމުގެ ކަންކަން އެ ގައުމުގެ ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށް މީގެ ކުރިން މިއުވާން ވަނީ ވިދާޅުވެފަ އެވެ.

"ރައީސް ސޯލިހުގެ ސަރުކާރާއެކު ގަތަރުގެ އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާއިރު، މި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ،" މިއުވާން ވިދާޅުވި އެވެ.

ރައީސް ގަތަރަށް އެންމެ ފަހުން ވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

ގަތަރަށް ވަޑައިގަތުމުގެ ކުރިން، އަންނަ ހަފްތާގެ އާދީއްތަ ދުވަހު ރައީސް ގދ. ފަރެސްމާތޮޑާއަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ. ރައީސް ސޯލިހު ފަރެސްމާތޮޑާއަށް ވަޑައިގަންނަވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އެރަށުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށެވެ.