މާމުއަކީ އެކި ބޭނުންތަކަށް ދިވެހިން ބޭނުންކުރާ އެއްޗެކެވެ. ކެއުމުގެ އިތުރުން ބޭސްވެރިކަމަށް ވެސް މާމުއި ބޭނުންކޮށް އުޅެ އެވެ. މީގެ އިތުރުން ވެސް މާމުއި މޫނުގައި ހޭކުމަކީ ގިނަ ފައިދާތައް ލިބޭ ކަމެކެވެ.

އެގޮތުން މާމުޔަކީ މޫނު ސާފުކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. މާމުއިގައި ހުންނަ އެންޓިއޮކްސިޑެންޓްސް އާއި އެންޓިސެޕްޓިކް އަދި އެންޓިބެކްޓީރިއަލް ޕްރޮޕަޓީތަކުގެ ސަބަބުން މޫނު މަތީގައި ނަގާ އޮށާޅަ ފިލުމާލުމަށް އެހީތެރިވެ، ބްލެކް ހެޑްތައްވެސް ފިލުވާލަ އެވެ.

މާމުޔަކީ އެކްސްފޯލިއެޓާއެއްގެ ގޮތަށްވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. މިގޮތަށް މާމުއި ބޭނުން ކުރަން ބޭނުން ނަމަ، މޫނު ރީތިކޮށް ދޮވެލުމަށްފަހު މޫނުގައި މާމުއި އުނގުޅާށެވެ. އަދި 10 މިނެޓު ބެހެއްޓުމަށް ފަހު، ތާފަނާ ފެނުން މޫނު ދޮވެލާށެވެ. މޫނު ކަހާ، ހިރުވާނަމަ މީގެ ސަބަބުން، އެކަމަށް ހައްލެއް ލިބޭނެ އެވެ.

މޫނު މޮއިސްޗަރައިޒް ކުރަން ބޭނުން ނަމަވެސް މާމުއި ވަރެއް ނެތެވެ. މާމުއިގައި ހުންނަ އެންޓި އޮކްސިޑެންޓުތަކުގެ ސަބަބުން، ހަންގަނޑު މޮއިސްޗަރައިޒްކޮށް އޮމާން ކޮށްދެ އެވެ. އަދި މާ ބޮޑަށް ހަށިގަނޑު ހިކުމުން ސަލާމަތް ކޮށްދެ އެވެ.

އުމުރުން ދުވަސްވާ ކަމުގެ ނިޝާންތައް މޫނުމަތިން ފިލުވާލުމަށްވެސް މާމުޔަކީ ހަމަ އެއްވަނަ އެވެ. މާމުއިގައި ހުންނަ އެންޒައިމްތަކާއި ނިއުޓްރިއެންޓުތައް އަދި އެންޓި އޮކްސިޑެންޓުތަކުގެ ސަބަބުން، މޫނުމަތި ހަލާކުވެފައި ހުންނަ ކަމުގެ ނިޝާންތައް ފިލުވާލައި ހަންގަނޑުގެ ޒުވާންކަން ދެމެހެއްޓުމަށް އެހީވެދެ އެވެ.