މޮސްކޯ (09 ޑިސެމްބަރު) - ޔޫކްރެއިންގައި މިހާރު ކުރިއަށްދާ ހަނގުރާމަ ނިންމަން ދެ ފަރާތުން ވެސް އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް ރަޝިއާގެ ރައީސް ލަމިޑިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.
ސަރަހައްދުގެ ގައުމުތަކުގެ ލީޑަރުންނާއެކު ބޭއްވި ސަމިޓެއްގައި ޕުޓިން ވިދާޅުވީ ޔޫކްރެއިންއަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާ ކަމަށާއި އެހެން ނަމަވެސް ސުލްހައަށްޓަކައި އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށެވެ.
"ރަޝިއާއިން މި އެއްބަސްވުންތަކަށް ތައްޔާރުކަން މީގެ ކުރިން ވެސް ވާނީ އަންގާފައި. އަދިވެސް އެކަން އޮތީ އެގޮތަށް،" ޕުޓިން ވިދާޅުވި އެވެ.
ޕުޓިން މިހެން ވިދާޅުވެފައި މިވަނީ ރަޝިއާއާއި ޔޫކްރެއިންގެ ހަނގުރާމަ މެދުކަނޑާލަން ޔޫރަޕްގެ ގައުމުތައް މެދުވެރިވެ 2014 ވަނަ އަހަރު ވެވުނު އެއްބަސްވުމުގެ ބޭނުން ޔޫކްރެއިންއިން ހިފާފައިވަނީ އެގައުމުގެ ބާރު އިތުރަށް ވަރުގަދަ ކުރަން ކަމަށް ޖަރުމަނުގެ ޗާންސަލަރު އެންޖެލާ މާކަލް ވިދާޅުވެފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން ޕުޓިންގެ ނުރުހުން މާކަލްއަށް އަމާޒްވެފައި ވާއިރު އޭނާ ވަނީ ޖަރުމަނުގެ ސަރުކާރަކީ ތެދުވެރި ސަރުކާރެއް ކަމަށް ހީކުރި ކަމަށެވެ.
ސުލްހައިގެ ވާހަކަތައް ޕުޓިން ދައްކާފައި މިވަނީ ޔޫކްރެއިންގައި ހަނގުރާމަ ފެށިތާ ނުވަ މަސް ދުވަސް ވެފައި ވަނިކޮށެވެ. -- އަލް އަރަބިއްޔާ