މޮސްކޯ (09 ޑިސެމްބަރު) - ރަޝިއާއިން އީރާނުގެ ބެލިސްޓިކް މިސައިލްތައް ހިމެނޭ ގޮތަށް ގިނަ ހަތިޔާރުތަކެއް ގަންނަން މަސައްކަތްކުރާ ކަމަށް އިނގިރޭސި ވިލާތުން ބުނެފި އެވެ.

އިނގިރޭސި ވިލާތުން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ބާބަރާ ވުޑްވާޑް ވިދާޅުވެފައި ވަނީ ރަޝިއާއިން އީރާނުގެ މިސައިލްތައް ހޯދަން މަސައްކަތް ކުރަމުން އަންނަނީ ބަދަލުގައި އީރާނަށް އަސްކަރީ އެއްބާރުލުން ދޭ ގޮތަށް ކަމަށެވެ.

ވުޑްވާޑް އިތުރަށް ވިދާޅުވީ މިދިޔަ އޮގަސްޓް މަހުން ފެށިގެން އީރާނުން އެތައް ސަތޭކަ ޑްރޯންއެއް ރަޝިއާއަށް ފޮނުވާފައިވާ ކަމަށާއި މިފަދަ ޑްރޯންތަކުން ޔޫކްރެއިންގެ ކުށެއް ނެތް އާއްމުންނަށް ރަޝިއާއިން ހަމަލާ ދީފައިވާ ކަމަށެވެ.

އީރާނުން ރަޝިއާއަށް ޑްރޯން ފޯރުކޮށްދޭ ކަމަށް ދެކޮޅު ހަދާއިރު ރަޝިއާއިން ވެސް ވަނީ ޔޫކްރެއިން ހަނގުރާމައިގައި އީރާނުގެ ޑްރޯންތައްު ބޭނުންނުކުރާ ކަމަށް ތަކުރާރު ކޮށް ބުނެފަ އެވެ.

"ރަޝިއާއިން ވަނީ އީރާނު ބެލިސްޓިކް މިސައިލްތަކަށް އެދިފައި. ބަދަލުގައި އެގައުމަށް އަސްކަރީ އެއްބާރުލުން ދޭން ރަޝިއާއިން ހުށައަޅާފައިވޭ،" ވުޑްވާޑް ވިދާޅުވި އެވެ.

ވުޑްވާޑްގެ މި ރިޕޯޓާއެކު އދގައި ހުންނަ ރަޝިއާއާއި އީރާނުގެ ސަފީރުންގެ ފަރާތުން ވަކި ރައްދެއް ލިބިފައި ނުވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އީރާނުގެ އިތުރުން ވެސް އުތުރު ކޮރެއާއިން ވެސް ނިއުކްލިއާ ހަތިޔާރު ހޯދަން ރަޝިއާއިން މަސައްކަތް ކުރަމުން އަންނަކަން ޔަގީންވެފައިވާ ކަމަށް ވެސް އިނގިރޭސި ވިލާތުން ބުނެ އެވެ. -- އަލް އަރަބިއްޔާ