މާބަނޑުވުމުން ކޮންމެ އަންހެނެއްގެ ވެސް އުންމީދަކަށް ވާނީ ސިއްޙަތު ސަލާމަތުން ހެޔޮހާލުގައި އޭނާގެ ދަރިފުޅު އުފަން ކުރުމެވެ. އެހެންކަމުން ބަލިވެ އިނުމުން ގިނަ އަންހެނުން ކެއުމާ މެދު ފަރުވާތެރިވެ އެވެ.

މާބަނޑު ދުވަސްވަރަކީ އާންމުކޮށް ކާން އާދަވެފައި ހުންނަ އެއްޗެހި ނޫން ތަފާތު ކޫސަނި އެއްޗެހި ކާހިތްވާ ދުވަސްވަރެކެވެ. ހާއްސަކޮށް ތަފާތު ހުތްކަން ގަދަ މޭވާ ކެއުމަށް މާބަނޑު އަންހެނުން ބޭނުންވެ އެވެ. މިފަދަ މޭވާތަކަކީ އޭގައި ވިޓަމިން ސީ ވަރަށް ގިނައިން އެކުލެވޭ އެއްޗެހި ކަމުގައި ވިޔަސް މާ ގިނައިން ކާނަމަ ގެއްލުން ބޮޑު އެއްޗެއްސެވެ.

ހުތް ކަން ގަދަ މޭވާ ތަކަކީ އޭގައި އެސިޑް އެކުލެވޭ ބާވަތްތައް ކަމުން އޭގެ ސަބަބުން ބަނޑުގައި ރިއްސުން ފަދަ ސިއްހީ މައްސަލަތައް ދިމާވުން އެކަށީގެންވެ އެވެ. އެހެންކަމުން އެފަދަ އެއްޗެހި މާ ގިނައިން ކެއުން ބުއްދިވެރިއެއް ނޫނެވެ.

ހުތް ރަހަ ފިޔަވައި މާބަނޑު އަންހެނުން ދެން އެންމެ ގަޔާވާ ރަހަޔަކީ ކުޅި ރަހަ އެވެ. މާބަނޑު ދުވަސްވަރު ވަރަށް ގިނަ އަންހެނުން ކުޅިކޮށް ކާން ބޭނުންވެ އެވެ. ކާން ކިތަންމެ ހިތް އެދުނަސް އެއީ ސިއްހަތައް ކިހާ ގެއްލުން ހުރި ކަމެއްތޯ ބަލާލުން މުހިއްމެވެ.

މާ ކުޅިކޮށް ކާނަމަ ބަނޑަށް އުނދަގޫވެ މާގިނައިން ބޮޑުކަމު ދެވެން ފެށުން ގާތެވެ. މީގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުވެ ހަށިގަނޑަށް ވަރަށް ނުރައްކާވެ އެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ ކުޅިކޮށް ކެއުމުގައި ވަކި މިންގަނޑެއް ހިފެހެއްޓުމެވެ.

ތަފާތު ލުއި ބުއިންތަކަކީވެސް މާބަނޑު އަންހެނަކަށް ރަނގަޅު އެއްޗެއް ނޫނެވެ. މިފަދަ ފިނި ބުއިންތައް އާންމުކޮށް ބޯނަމަ ފައިދާ ހުރި އެއްޗެއް ބޯނެ ޖާގަ ބަނޑަކު ނޯންނާނެ އެވެ. މީގެ ބަދަލުގައި ކިރާއި ޖޫސް ފަދަ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ބުއިން މާ ރަނގަޅެވެ. ގިނައިން ފެން ބުއިމަކީވެސް މުހިންމު ކަމެކެވެ.

ބަލިވެ އިނުމުން ކާ ހިތްވާ އެއްޗެހީގެ ބަދަލުގައި ފައިދާ ހުރި ބާވަތްތައް އިސްކަން ދިނުން މުހިއްމެވެ. މިގޮތުން ފެހިކަން ގަދަ ފަތާއި ވިޓަމިން ސީ އަދި ވިޓަމިން އޭ ގިނަ ބާވަތްތައް ކެއުން ރަނގަޅެވެ. މީގެ އިތުރުން ފޮލިކް އެސިޑް އާއި ފައިބާ އަދި ކެލްސިއަމް އަކީވެސް މާބަނޑު އަންހެނެއްގެ ކެއުމުގައި ހިމަނަންޖެހޭ މުހިއްމު މާއްދާތަކެވެ.