ރާއްޖެއަށް ހިޖްރަ ކުރާ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޑިފެންސްމިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ދެއްވައިފި އެވެ.

އެކަމަނާ މިކަން ހާމަކުރެއްވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ހިޖުރަ ކުރާ މީހުންގެ ދުވަސް ނުވަތަ މައިގްރެންޓްސް ޑޭއާ ގުޅިގެން ދެއްވި ހިތާބުގަ އެވެ.

މިނިސްޓަރު މާރިޔާ ވަނީ ދިވެހި މުޖްތަމައު ބިނާކުރުމުގައި އެތައް އަހަރެއް ވަންދެން ބިދޭސީ މަސައްކަތްތެރިން އަދާކުރަމުން އައިސްފައިވާ މުހިންމު ދައުރާއި އެ މީހުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވާފަ އެވެ. އަދި ހިޖުރަކުރާ މީހުންގެ ހައްގުތަކަށް ބުރޫނާރާނެހެން، އެއްވެސް މަޖުބޫރު ކުރުވުމެއް ނެތި ރައްކާތެރި ކަމާއެކު ހިޖުރަ ކުރެވޭނެ މަގުފަހި ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މާރިޔާ އެވެ.

އިންސާނީ ވަގުފާރިކުރުމުގެ ކުށުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިނިސްޓަރު މާރިޔާ ވަނީ، އިންސާނީ ވަގުފާރިކުރުން ހުއްޓުމަކަށް ގެނައުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވާ އަޙައްމިއްޔަތުކަން ފާހަގަކުރައްވާފަ އެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ރިޔާސަތު، 2019 ވަނަ އަހަރުގެ ފަހުކޮޅު، މިނިސްޓްރީ އޮފް ޑިފެންސާ ޙަވާލުކުރެއްވުމަށްފަހު، ސަރުކާރުން ގެންދަވަނީ އިންސާނީ ވަގުފާރިއަށް ނިމުމެއް ގެނައުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންކަމަށާއި މިގޮތުން، ފެބްރުއަރީ މަހުގެ ތެރޭގައި، ކެބިނެޓުން ވަނީ މޯލްޑިވްސް ނޭޝަނަލް އެންޓި ހިއުމަން ޓްރެފިކިން އެކްޝަން ޕްލޭން ފާސްކުރައްވާފައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ސަރުކާރުންވަނީ ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީ ސްޓްރީމްލައިންކުރައްވާ، އަލުން އެކުލަވާލައްވާފައިކަންވެސް ފާހަގަކުރެއްވި އެވެ. އަދި ހިއުމަން ޓްރެފިކިންގާ ދެކޮޅަށް ސަރުކާރުން އަޅުއްވާފައިވާ އިތުރު ފިޔަވަޅުތަކަށްވެސް އަލިއަޅުވާލައްވާފައިވެ އެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް "ހޭޝްޓެގް އެންޑް ހިއުމަން ޓްރެފިކިންގ"ގެ ނަމުގައި ސޯޝަލް މީޑިޔާ ކެމްޕޭނެއް އިފްތިތާޙްކޮށްދެއްވަމުން، މިނިސްޓަރ މާރިޔާ ވަނީ، އިންސާނި ވަގުފާރިއަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއްގެ ގޮތުގައި ބަލައިގަނެ، އެޖަރީމާ ތަކުރާރު ވިޔަނުދިނުމަށްޓަކައި މަސައްކަތްކުރުމާއި، އެކަމުގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.