ރާއްޖޭގެ ވައި ސާފު މިންވަރު ބެލުމަށް ޤާއިމުކުރާ، ސްޓޭޝަންތަކުގެ ތެރެއިން ސްޓޭޝަނެއް ބެލެހެއްޓުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުގެ ޖައްވު ވަރަށް ބޮޑަށް ނުސާފުވެފައިވެ އެވެ.

މިސްޓޭޝަން ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

ހުޅުމާލޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ޑަބްލިއުއެޗްއޯއިން ވަނީ ރާއްޖެއަށް ހަދިޔާކުރި ދެ ސްޓޭޝަންގެ ތެރެއިން އެއް ސްޓޭޝަނެވެ.

މިސްޓޭޝަން ބެލެހެއްޓުމުގެ މަސައްކަތް އެންވަޔަރުމަންޓް މިނިސްޓްރީގެ ފަރާތުން އެޗްޑީސީއާ ވަނީ ރަސްމީކޮށް ހަވާލުކޮށްފަ އެވެ. މި އެމްއޯޔޫގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އެ ސްޓޭޝަން މެދުވެރިކޮށް ލިބޭ ޑޭޓާ ބޭނުންކޮށްގެން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، އެޑޭޓާ އާންމުންނަށް ފެންނާނެހެން ޝާއިއުކުރުމުގެ މަސައްކަތް އެޗްޑީސީ އާއި އެ މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.

އެއާ ކޮލިޓީ މޮނީޓަރުތަކުގެ އެހީގައި ވައިގެ ތެރޭގައި އަދި ވައިގެ ތެއްކަމުގައި ހިމެނޭ ކުދި އެތިކޮޅުތަކާއި އިންސާނުންނަށް ގެއްލުންވާ އެކި މާއްދާތައް ހުރި މިންވަރު ދެނެގަނެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީއިން ބުނެ އެވެ. މި މޮނީޓަރުތައް ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގައި ގާއިމުކުރާ މިނެޓްވޯކްގައި "އެއާ ކޮލިޓީ އިންޑެކްސް" ބަލަނީ އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ބަލައިގަންނަ މިންގަނޑުންނެވެ. މި މިންގަނޑުން ވައިގެ ސާފުކަން ބަލަނީ 6 ކެޑަގަރީއަކަށް ބަހާލައިގެންނެވެ. މީގެ އެހީގައި ސިއްހަތަށް ނޭދެވޭ އަސަރުކުރާ މިންވަރު ދެނެގަތުމަށް ފަސޭހަވެގެންދާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ވައިގެ ސާފުކަން ދެނެގަތުމަށް ރާއްޖޭގައި މޮނީޓަރިން ނެޓްވޯކެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ހދ. ކުޅުދުއްފުޓާއި، ށ. ފުނަދޫއާއި، ޅ. ހިންނަވަރާއި، ދ. ކުޑަހުވަދޫ އާއި ލ. ގަމުގެ އިތުރުން ގދ. ތިނަދޫއާއި، ފުވައްމުލައް، ސ. ހިތަދޫގައި ވަނީ މޮނީޓަރިން ސިސްޓަމްތައް ގާއިމުކޮށްފަ އެވެ. އަދި މި މަޝްރޫޢުގެ ދަށުން މާލޭގައި މިފަދަ މޮނީޓަރެއް ގށއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ވިލިމާލޭގައި ކައިރި މުސްތަޤުބަލެއްގައި މޮނީޓަރު ހަރުކުރެވިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.