ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔަން މުމްބާއީއަށް ދިރިއުޅެން ބަދަލުކުރުމަށްޓަކައި ގެއެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑީއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުން ތެރޭގައި ހިމެނޭ ކާތިކް އަންނަނީ މުމްބާއީގެ ޖުހޫގެ ހިތްގައިމު ހިސާބަކުން ގެއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އުމުރުން 32 އަހަރުގެ ކާތިކް ވަނީ މީގެ ކުރިން ބޮލީވުޑް ތަރިން ދިރިއުޅު ގެތަކެއް ބަލައިފަ އެވެ.

އެގޮތުން ކާތިކާ އާއި އޭނަގެ މަންމަ މި ހަފުތާގައި އެކްޓަރު ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕޫތު ކުރިން ދިރިއުޅުނު އަގުބޮޑު އެޕާޓްމަންޓް ވެސް ބަލާފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކާތިކް ލަގްޒަރީ ފެންވަރުގެ ގެއެއް ހޯދުމަށް މަސައްކަތްކުރާތާ މިހާރު ދެ އަހަރު ވެއްޖެ އެވެ. ކާތިކް ބޭނުން ވަނީ ރީތި ވިއުއެއް ހާއްސަކޮށް މޫދު ފެންނަ ހިސާބުން ރީތި ގެއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކާތިކަކީ 2015 ގައި ޕިޔާރުކާ ޕަންޗުނާމާ އިން ބޮލީވުޑަށް ނިކުތް ޒުވާނެކެވެ. އޭނާގެ މަގްބޫލުކަން އިތުރުވީ 2018 ގައި ނިކުތް ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ އިންނެވެ.

ކާތިކަކީ މި ވަގުތު ބޮލީވުޑްގެ ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ.

މި އަހަރު އޭނަގެ ދެ ފިލްމެއް ރިލީޒްކުރި އެވެ. އެއީ މި މަހުގެ "ފްރެޑީ" އާއި މެއިގައި ރިލީޒްކުރި "ބޫލް ބުލައްޔާ" އެވެ. ކާތިކްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޝެހެޒާދާ" އާއި "ސަތިއަޕްރޭމް ކީ ކާތާ" އާއި "ކެޕްޓަން އިންޑިއާ" އާއި "ހީރާ ޕޭރީ 3" އާއި ބޮލީވުޑްގެ ޑައިރެކްޓަރު އަނުރާގް ބާސޫގެ "އާޝިގީ 3"ގެ އިތުރުން ޑައިރެކްޓަރު ކަބީރް ޚާންގެ އަދި ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.