ކުރިއަށް އޮތް 24 ގަޑިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިމިގްރޭޝަން ޕްރޮސެސްގައި ލަސްކަމެއް ކުރިމަތިވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިމިގްރޭޝަން ކައުންޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާތީ ކުރިއަށް އޮތް 24 ގަޑިއިރު އެރައިވަލް ޓާމިނަލްގައި އިމިގްރޭޝަން ޕްރޮސެސްގައި ޕަސެންޖަރުންނަށް ލަސްކަމެއް ކުރިމަތިވެދާނެ ކަމަށެވެ.

އަދި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިދުމުން އެ ބަދަލުތަކާއި އެކު ދަތުރުކުރާ ފަރާތްކަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އަދި ހިދުމަތް ދިނުމުގައި އަވަސްގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ދުވަސްވަރަކަކީ އަހަރު ނިމުމާ ދިމާކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ޜާއްޖެ އަންނަ ދުވަސްވަރެކެވެ. އަދި ގިނަ އަދަދެއްގެ ދިވެހިން ވެސް ސްކޫލް ބަންދާ ދިމާކޮށް ދަތުރުފަތުރު ކުރާނެ އެވެ. މިފަދަ ދުވަސްވަރާ ދިމާކޮށް ވީއައިއޭގެ ހިދުމަތްތައް ލަސްކަމުގެ ޝަކުވާ ކުރިމަތިވެ އެވެ.