ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ދެނެގަންނަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރާސާއެއް ކުރަން ފަށައިފި އެވެ.

މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ވޯލްޑް ބޭންކުގެ ހިލޭއެހީ އާއި ލޯނުގެ ދަށުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

އެ މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ "މޯލްޑިވްސް ހައުސިން މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ"ގެ ސާވޭ މަސައްކަތް ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްރަށުގައި އިއްޔެއިން ފެށިގެން ފެބްރުއަރީ 28، ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ ދިރާސާއަކީ ބޯހިޔާވަހިކަން ބޭނުންވާ މިންވަރާއި ގޯތިގެދޮރުގެ މިލްކިއްޔާތު ލިބުމުގައި ދެކޭގޮތާއި ކުއްޔަށް އުޅޭ ފަރާތްތަކަށް ލުއި ފަސޭހަމަގެއް ދެނެގަތުމަށާއި ސަރުކާރުގެ ފަރާތުން އިތުރު އެހީ ބޭނުންވާ ހާލަތެއްގައި ދެވޭނެގޮތްތައް ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިރާސާއެއް ކަމަށެވެ. އަދި އެ ދިރާސާއިން ހޯދޭ މަޢުލޫމާތުގެ ތެރެއިން ޝާއިއުކުރާނީ، ދިރާސާގައި އެއްކުރެވޭ މަޢުލޫމާތުގެ ޖުމުލަ އަދަދުތަކަށް ބިނާކޮށް ހޯދޭ ހޯދުންތަކެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ ދިރާސާ ކުރުމަށް ހަމަޖެހިފައި ވަނީ ފޯން ސާވޭއަކާއި އެކަމާ ގުޅުންހުރި ފަރާތްކާއެކު ކުރެވޭ މަޝްވަރާތަކެއްގެ އެހީގައި ކަމަށެވެ. މީގެ އިތުރުން އެ ސާވޭއަކީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ސާވޭކުރުމުގެ ހުއްދަ ލިބިގެން ކުރިޔަށްގެންދެވޭ ސާވޭއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.