އެމަނިކުފާނު ދެން އެކުލަވާލާ އެމްޑީޕީގެ ސަރުކާރެއްގައި އައްޑޫގެ ބޮޑު ހިއްސާއެއް އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ހިތަދޫގެ އުސްގަނޑަ ބީޗުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އައްޑޫ ރައްޔިތުން މިހާ ދުވަހު އެތައް ތަކުލީފަކާ އެކު އުޅެން ޖެހުނީ ކުރީގެ ސަރުކާރުތަކުން އެ އަތޮޅަށް އަޅާނުލައި ދޫކޮށްލާފައި އޮތުމުން ކަމަށެވެ.
ކުރީގެ ސަރުކާރުތަކުން މަސައްކަތް ހޯދައިދިނީ އައްޑޫގައި ހުރި މައްސަލަތަކަށް ވަގުތީ ހައްލު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި އެ ސަރުކާރުތަކުން މަސައްކަތް ކުރީ ވަގުތީ ހައްލުތަކެއް ހޯދުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މީގެ ކުރިން އައްޑުއަށް ނާންނަ ވަރުގެ ބޮޑު ތަރައްގީއެއް ގެނެސްދީފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އައްޑޫ ސިޓީއަށް މި ސަރުކާރުން ކޮށްދިން ވަރުގެ ކަމެއް އަދި ވެފައި ހުރި ޕްލެޖުތައް، ނިންމަން ހުރި ކަންތައްތަކަށް ބަލާއިރު އައްޑޫ ސިޓީއަށް މިއަށް ވުރެ ބޮޑު ތަރައްގީއެއް ގެނުވާ ސަރުކާރެއް އޮތް ކަމަކަށް ހަމަ ގައިމު ވެސް ލިޔެކިއުމުން ފެންނާކަށް ނެތް،" ރައީސް ވިދާޅުވި އެވެ.
އައްޑޫގެ ތަރައްގީއަށް ފަށާފައިވާ މަސައްކަތްތައް ނިންމުމުމަށް އެ ސިޓީގެ ރައްޔިތުންގެ ތާއީދު އެމަނިކުފާނަށް މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހު އެކުލަވާލާ ސަރުކާރެއްގައި އައްޑޫގެ ރައްޔިތުންގެ ބޮޑު ހިއްސާއެއް އޮންނާނެ ކަމަށެވެ.
"އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ މި ސިޓީން ލިބޭ ތާއީދަކީ ބޭކާރު ވެގެން ދާނެ އެއްޗެއް ނޫން. އަދި އަޅުގަނޑުމެން އެކުލަވާލާ ސަރުކާރުގައި މި ސިޓީގެ ހިއްސާ ބޮޑުކޮށް ފެނިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.